ވޯލްޑްކަޕަށް ތާޒާކޮށް ހުރުމަށްޓަކައި ބާސެލޯނާ އަށް ކުޅުން މަދު ކޮށްލުމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަންގައިފި އެވެ.

އެގޮތުން އާޖެންޓީނާގެ އެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕީއާ ވިދާޅުވީ، ބާސެލޯނާއަށް މަދުން ކުޅުމަށް މެސީ އަށް އަންގާފައިވާނެ ކަމަށެވެ. އެއީ ކުރިއަށް އޮތް ވޯލްޑްކަޕަކީ އޭނާއަށްވެސް އަދި އާޖެންޓީނާއަށްވެސް މުހިންމު މުބާރާތަކަށްވެފައި މުބާރާތުގެ ކުރިން އަނިޔާގެ މައްސަލައެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ނަމަވެސް ޚަބަރުތައް ބުނާ ގޮތުގައި މިއަހަރުގެ ވޯލްޑް ކަޕަކީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕަށް ވުންވެސް އެކަށީގެންވެއެވެ.

އާޖެންޓީނާގެ އެފްއޭ އިން އެހެން ބުނެފައިވާއިރު މި ސީޒަންގައި މެސީ އަންނަނީ ބާސެލޯނާއަށް މޮޅު ކުޅުމެއް ކުޅެދެމުންނެެވެ. އަދި މެންޗެސްޓާ ސިޓީއަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް އަގުއެރޯއަށްވެސް ކުލަބަށް މަދުން ކުޅުމަށް އަންގާފައިވާނެ ކަމުގައި އެފްޢޭއިން ބުނެއެވެ.

މީގެ އިތުރުން ޓާޕިއާ ވަނީ ބާސެލޯނާއިން އުފައްދަން މަސައްކަތް ކުރާ ކެޓަލޯނިއާގެ ޓީމާއެކު މެޗެއް ކުޅުމުގެ ދައުވަތު އާޖެންޓީނާގެ ގައުމީ ޓީމަށް ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ މެޗު ވަރަށް އަވަހަށް ކުޅުމުގެ އިންތިޒާމުތަށް ހަމަޖައްސާނެ ކަމުގައި އާޖެންޓީނާގެ ކޯޗު ވަނީ ބުނެފައެވެ.