މީގެ ހަފުތާއެއް ކުރިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އާޖެންޓީނާގެ ކްރިޕްޓޯކަރަންސީ އިންފްލުއެންސަރު ފެނާންޑޯ ޕެރޭޒް އަލްގާބާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ވެރިރަށް ބުއެނޯސް އައިރެސްގެ ކޯރެއް ކައިރީގައި ހުރި ލަގެޖް ފޮއްޓެއްގެ ތެރެއިންނެވެ.

މިކަން ފެންމަތިވެފައިވަނީ އެ ކޯރު ކައިރީގައި ކުޅެމުން ދިޔަ ކުދިން ތަކަކަށް ރަތް ކުލައިގެ ލަގެޖެއް އެތަނުގައި އޮއްވާ ފެނިގެން ބެލި ބެލުމުންނެވެ.

މި ވިޔަފާރިވެރިޔާ ގެއްލިގެން ހޯދަން ފެށީ ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނީ މިދިޔަ އާދީއްތަ ދުވަހު އެ ލަގެޖް ފެނިގެން އެ ކުދިންގެ މައިންބަފައިން ފުލުހުންނަށް އެކަން އެންގުމުން އެ ޕެކޭޖު އިންސްޕެކްޓްކޮށް ބެލިބެލުމުން އޭނާގެ ހަށިގަނޑުގެ ބައިތައް އޭގެ ތެރެއިން ފެނުނު ކަމަށެވެ. އޭނާގެ އެއް އަތް ފެނުނީ ކޯރު ތެރެއިން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި މިިދިޔަ ބުދަ ދުވަހު ފުލުހުންނަށް ވަނީ އޭނާގެ ބޮލާއި ހަށިގަނޑުގެ އެހެން ބައިތައް ފެނުނު ކަމަށެވެ.

އެ މީހުން ބުނި ގޮތުގައި ހަށިގަނޑުގެ ބައިތައް ކޮށާލާފައި ވަނީ ދާދި ފަހުން ކަމަށް ބެލެވެއެވެ. މިހާރު އޭނާގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހެދުމަށް ފޮނުވިއެވެ.

އަދި އޭގެ ރިޕޯޓުން އެނގުނުގޮތުގައި އަލްގާބާގެ ހަށިގަނޑު ކޮށާލުމުގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާގެ ގަޔަށް ވަނީ ބަޑި ޖަހައިފައެވެ. އެއީ އަލްގަބާގެ ހަށިގަނޑު ކަން އެ މީހުންނަށް ކަށަރުވެފައި ވަނީ އިނގިލީގެ ނިޝާނާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޖަހާފައިވާ ތަފާތު ޓެޓޫތަކުގެ އެހީގައެވެ.

މާކާގެ ރިޕޯޓެއްގައި ވާގޮތުން ބިލިއަނަރު ފަހުން އުޅުނީ ބާސެލޯނާގައެވެ. އޭނާ މަރާލުމުގެ ކުރިން އާޖެންޓީނާގައި ހަފުތާއެއްހާ ދުވަސް ވަންދެން މަޑުކުރިއެވެ.