އާޖެންޓީނާގައި ޑެންގީ ހުން ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

އާޖެންޓީނާގައި މި ބަލީގެ އަސަރު މިހާތަނަށް 40،000 މީހުންނަށް ކޮށްފައިވާއިރު، 40 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މި ބަލި ފެތުރެނީ އީޑީސް މަދިރީގެ ސަބަބުންނެވެ. މީގެ ކުރީގައި އާޖެންޓީނާގައި ޑެންގީ ހުން ރެކޯޑް އަދަދަކަށް ފެތުރިފައިވަނީ 2020 ވަނަ އަހަރުގައެވެ. އާޖެންޓީނާގައި މަދިރި އާލާވާ މިންވަރު އިތުރުވެފައިވަނީ އެ ގައުމުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ކަމަށް ހައްލެއް ގެނައުމަށްޓަކައި ބައެއް ބަޔޮލޮޖިސްޓުން ދަނީ ލެބޯޓްރީގައި މަދިރި އާލާކޮށް އެ އެއްޗެހި ރޭޑިއޭޝަނަށް ހުށަހަޅައިގެން ޑެންގީ ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނީ މިފަދައިން 'އިރޭޑިއޭޓް' ކުރެވިފައިވާ މަދިރިތައް ލެބޯޓްރީއިން ދޫކޮށްލުމުން، ރޭޑިއޭޝަނަށް ހުށަހެޅޭ މަދިރިތަކުގެ ޑީއެންއޭއަށް ގެއްލުންތަކެއް ވުމުން، މަދިރިތައް އިތުރަށް އާލާވެގެންދާއިރު އޭގެ ނުރައްކާތެރިކަން ކުޑަ ކުރެވިގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރެވިއްޖެނަމަ ޑެންގީ ކޮންޓްރޯލް ކުރެވިގެންދާނެކަމަށް ބަޔޮލޮޖިސްޓުން ގަބޫލުކުރެއެވެ.

މި ނުރައްކާތެރި ބަލީގެ އަލާމާތްތަކަކީ ބޮލުގައި ރިއްސާފައި ގަދައަށް ހުންއައުން، ހޮޑުލުމާއި ހުޅުހުޅުގައި ރިއްސުމެވެ.

ޑެންގީ ހުން ޖެހުމުން ސަލާމަތްވުމަށް ދޮރާއި ކުޑަދޮރުތަކުގައި މަދިރި ނެޓް ޖެހުމާއި، ޕެސްޓިސައިޑް ފަދަ ސޫފި ނައްތާލާ މާއްދާ ބޭނުންކުރުމާއި، މަދިރި އާލާވާ ތަނެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފެން ކޮންޓެއިނަރުތައް ނައްތާލުން ފަދަ ފިޔަވަޅުތައް އެޅުމަށް އާޖެންޓީނާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.