މިދިޔަ ހަފްތާގެ ތެރޭގައި ގެއްލިގެން ހޯދަމުން ދިޔަ ފިރިހެނެއްގެ ހަށިގަނޑުގެ ބައިތަކެއް މިޔަރެއްގެ ބަނޑު ތެރެއިން ފެނިއްޖެއެވެ.

ޑިއޭގޯ ބާރިއާ ކިޔާ 32 އަހަރުގެ ފިރިހެން މީހާ އެންމެ ފަހުން ފެނިފައިވަނީ، އާޖެންޓީނާގެ ދެކުނުގެ ޗުބުޓް ޕްރޮވިންސުން ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެންމެ ފަހުން އޭނާ ފެނުނު އިރު، އޭނާ ދިޔައީ މޫދު ދޮށުގައި އޭނާ ގެންގުޅޭ ފާޑެއްގެ އެއްގަމު އުޅަނދެއް ދުއްވަމުންނެވެ.

ބާރިއާގެ އުޅަނދު ފެނުނު ސަރަހައްދާއި ކައިރިން ތިން މިޔަރު ހިފާފައިވާ ކަމަށް، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ދެ މަސްވެރިން ވަނީ އެ ހިސާބުގެ ކޯސްޓު ގާޑަށް ރިޕޯޓް ކޮށްފައެވެ.

ބާރިއާ ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އޮފިޝަލް، ޑެނިއެލާ މިލަޓްރޫޒް، އެގައުމުގެ މީޑިއާ އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، އެ މިޔަރުތައް ސާފު ކުރަމުން ދިޔައިރު، އެތަނުން އެއް މިޔަރުގެ ބަނޑު ތެރޭން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާ ކަމަށް އެ މަސްވެރިން ރިޕޯޓް ކުރި ކަމަށެވެ.

އަދި އެ ބައިތަކުގެ ތެރެއިން ބައެއްގައި ކުރަހާފައި އިން ޓެޓޫ އަކުން، ބާރިއާގެ އާއިލާ އިން އޭނާ ފާހަގަ ކޮށްފައިވާ ކަމަށްވެސް މިލަޓްރޫޒް ބުނެފައި ވެއެވެ. ނަމަވެސް އެއީ ބާރިއާގެ ހަށިގަނޑުގެ ބައިތަކެއްތޯ ޔަގީން ކުރުމަށް އިދާރާތަކުން ޑީއެންއޭ ޓެސްޓު ހަދާނެއެވެ.

ބާރިއާ އަށް ދިމާވީ ކޮން ކަހަލަ ހާދިސާއެއް ކަމެއް ނޭނގެއެވެ. ނަމަވެސް އަދިވެސް ތަހުގީގުތައް ދަނީ ކުރިއަށެވެ. ގެއްލުން ލިބިފައިވާ ބާރިއާގެ އުޅަނދު ފެނިފައިވަނީ އޭނާ ގެއްލުނުތާ ދެ ދުވަސް ފަހުން، ރޯކަސް ކޮލޮރާޑާސް ގެ ކައިރި ގޮނޑުދޮށަކުންނެވެ.

އެ ސަރަހައްދުގެ ފުލުހުންގެ ޑިޕާޓްމެންޓްގެ ވެރިޔާ ކްރިސްޓިއަން އަންސާލްޑޯ ވިދާޅުވީ އެ މިޔަރުގެ ދިގުމިނުގައި ހުރީ ގާތްގަނޑަކަށް 1.5 މީޓަރު ކަމަށެވެ. އަދި ބާރިއާގެ އެކްސިޑެންޓެއްވެ އޭނާ ދަމާފައި ގެންދިޔައީ ކަމަށް ލަފާ ކުރެވޭ ކަމަށް އަންސާލްޑޯ ވިދާޅުވިއެވެ. އަންސާލްޑޯ އިތުރަށް ވިދާޅުވީ ބާރިއާ ގެއްލުނު ހަފްތާ ބަންދުގައި ވަރަށް ދިޔަވަރުވެސް ބޮޑު ކަމަށެވެ.

ބާރިއާ އަކީ ތިން ކުދިންގެ ބައްޕައެކެވެ.

މިޔަރަކީ އާންމުކޮށް އިންސާނުންގެ މަސްކާ މަހެއް ނޫނެވެ. މިޔަރު އާންމުކޮށް އިންސާނުންނަށް ހަމަލާ ދީ އެއްވެސް ނޫޅެއެވެ.