މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ކުޅުން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ އިދާރާގެ ރައީސް ގެބްރިއެލް ގްރަވީނާ ބުނެފިއެވެ.

އިޓަލީ އެފްއޭގެ ރައީސް މިހެން ބުނެފައިވަނީ ކޮވިޑް-19 އަށް އިޓަލީގައި ޕޮޒިޓިވް ވާ މީހުން އިތުރުވެ މި ބަލީގެ ސަބަބުން އެގައުމުގައި މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެފްއޭގެ ރައީސް ގްރަވީނާ ބުނީ ސެރިއާ އޭ ގެ އެއްވެސް ކުޅުންތެރިޔަކު ވަރިރަހަށް ޕޮޒިޓިވް ވެއްޖެނަމަ ލީގުގެ ކުޅުން ސަސްޕެންޑް ކުރަން އެފްއޭ އިން ނިންމުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

"ސެރިއާ އޭގެ ކުޅުންތެރިޔަކު މި ވައިރަހަށް ޕޮޒިޓިވް ވެއްޖެނަމަ ލީގުގެ ކުޅުން ސަސްޕެންޑް ކުރަން އެފްއޭ އިން ފަހެއް ނުޖެހޭނެ. ހަގީގަތަށް ބަލަމާ ހިނގާ. މިސާލަކަށް އެކަހަލަ ޙާލަތެއް އައިސްފިނަމަ އަހަރެމެން އެންމެ ފުރަތަމަ އިސްކަން ދޭނީ ކުޅުންތެރިންގެ ސިއްޙަތަށް. އެއަށްފަހު އަހަރެމެން މިކަމުގެ ސަބަބުން ލީގަށް ކުރާނެ އަސަރަކާއިމެދު ވިސްނާނީ. އަހަރެމެން ނުބުނާނަން ސަސްޕެންޑް ނުކުރާނަމޭ. އެފަދަ ޙާލަތެއް މެދުވެރިވީމަ އިނގޭނީ،" ރައި ސްޕޯޓްސްއާ ހަވާލާދީ ގްރަވީނާ ބުންޏެވެ.

އިޓަލީ އާއި ފްރާންސްގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި ދަނީ އިތުރުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިޓަލީން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5800 އަށް ވުރެ މައްޗަށް އަރާފައެވެ. މި ބަލީގެ ސަބަބުން އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 230 އަށް ވުރެ މަތީގައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އިޓަލީ ސަރުކާރުން ވަނީ ވައިރަހުގެ އަސަރުނުކުރާ ސަރަހައްދުތައް ވެސް ހިމަނައިގެން މުޅި ގައުމުގައި ކުޅިވަރު ހަރަކާތްތައް 30 ދުވަހަށް މެދުކަނޑާލާފައެވެ. އެފްއޭ އިން އެގޮތަށް ނިންމިޔަސް، ސަޕޯޓަރުން ނުވައްދާ ފުޓްބޯޅަ މެޗުތައް އަދިވެސް ދަނީ ކުޅެމުންނެވެ. އެހެންނަމަވެސް ވައިރަހުގެ ބިރު ބޮޑުވެ އިޓާލިއަން ލީގުގެ ގިނަ މެޗުތަކެއް ފަސްކުރަމުން އަންނަ އިރު ނިމިދިޔަ ހަފުތާގައި ސެރިއާގައި ކުޅެފައިވަނީ ވެސް އެންމެ ހަތަރު މެޗެވެ. ފަސް ކުރި މެޗުތަކުގެ ތެރޭގައި ލީގުގައި އިންޓަ މިލާނާއި ޔުވެންޓަސް ބައްދަލުކުރަން އޮތް މެޗާއި ކޮޕާ އިޓާލިއާގެ ސެމީ ފައިނަލް ދެ މެޗެއް ހިމެނެ އެވެ.