ފޭކް ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި، މި ވަގުތު ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ ޕެރެގުއޭ ޖަލުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއްގައި ކުޅެން ތައްޔާރުވެއްޖެއެވެ.

ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ ޑި އަސިސް ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ. ރޮނާލްޑީނިއޯގެ ދެބެންގެ ބަންދަކީ ގަވާއިދާ ހިލާފް ބަންދެއް ކަމަށް ބުނެ އޭނާ ޖަލުން ސަލާމަތް ކުރުމުގެ މަސައްކަތް ވަކީލު ސާޖިއޯ ކުއިރޯޒް ކުރަމުން އަންނައިރު މިހާތަނަށް އަދި އެ މަސައްކަތުގައި އަލި މަގެއް ނުފެނެއެވެ. ކުއިރޯޒް ބުނީ ރޮނާލްޑީނިއޯ އަށް ދީފައިވާ ޕާސްޕޯޓަކީ ފޭކް އެއްޗެއް ކަމެއް އޭނާ އަށް ކުރިން ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި އިއްޔެ އަޑު އެހުމެއް ބޭއްވިއިރު ރޮނާލްޑީނިއޯގެ ދެބެން މިނިވަން ކުރުމަށް ހުށަހެޅި އެޕީލް ޕެރެގުއޭގެ ކޯޓުން ބަލައިގެންފައި ނުވުމުން މަދުވެގެން ހަ މަސް ދުވަހަށް ދެބެން ޖަލުގައި އޮންނަން ޖެހިދާނެ ކަމަށް ބްރެޒިލްގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ޖަލުގައި އޮތް ރޮނާލްޑީނިއޯ މިނިވަން ކުރުމުގެ މަސައްކަތް ބްރެޒިލްގެ ސަރުކާރުން ވެސް ކުރަމުން އަންނަ އިރު އޭނާ މިވަގުތު އަންނަނީ ޕެރެގުއޭގެ ޖަލުގައި ބާއްވަން އުޅޭ ފުޓްބޯޅަ ފުޓްބޯޅަ މުބާރާތެއްގައި ބައިވެރިވާން ތައްޔާރު ވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މި މުބާރާތުގައި ރޮނާލްޑީނިއޯ ކުޅެން ވާދަވެރި ހުރިހާ ޓީމުތަކުން އެއްބަސްވީ އޭނާ އެއްވެސް ޓީމެއް ކޮޅަށް ގޯލެއް ނުޖަހާ މަތިންނެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ ރޮނާލްޑީނިއޯ ވަނީ ބްރެޒިލް އާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކުރި ރޮނާލްޑީނިއޯ އެންމެ ފުރަތަމަ ވިދާލީ ޕީއެސްޖީ އިންނެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފަށައި 2001 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވެ ޖެހިގެންއައި އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާ ކުރުމަށްފަހު ރޮނާލްޑީނިއޯ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވީ 2003 ގަ އެވެ. އެ ކްލަބުގައި އޭނާ ހޭދަކުރި ފުރަތަމަ ތިން އަހަރު ތެރޭ މޮޅު ކުޅުމެއް ދައްކައި ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. ބާސާ އަށް ކުޅެދިން 207 މެޗުން 94 ލަނޑު ޖެހި ރޮނާލްޑީނިއޯ ފާހަގަކުރެވިފައިވަނީ ބާސާ ކޮޅަށް ނަގައި އަލުން ސްޕެއިންގެ ގަދަބާރަކަށް ހަދައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ.

އަހުލާގީ މައްސަލަތަކާ އެ ނޫން ވެސް ސަބަބުތަކާ ހެދި ރޮނާލްޑީނިއޯ އަށް ބާސާ ޖާޒީގައި މާގިނަ ދުވަހު އެއް ފެންވަރެއްގައި ކުޅެވޭ ގޮތެއް ނުވެ އެންމެ ފަހުން 2008 ވަނަ އަހަރު ބާސެލޯނާ އިން ވަނީ އޭނާ އިޓަލީގެ އޭސީ މިލާނަށް ވިއްކާލައިފައެވެ. އޭގެ ފަހުން 2011 ވަނަ އަހަރު މިލާން ދޫކޮށްލުމަށްފަހު 2015 ވަނަ އަހަރު ކުޅުން ހުއްޓާލަން ދެން އޭނާ ކުޅެފައިވަނީ ބްރެޒިލިއަން ލީގުގެ އެކި ކްލަބުތަކަށެވެ.