އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިންގްލަންޑުގެ އާސެނަލްގެ ފޯވަޑް ޕިއެރޭ އެމެރިކް އޮބާމެޔާންގް ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެދާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

އިންގްލަންޑުގެ ނޫސްތަކުގައިވާ ގޮތުން މިިދޔަ ޖެނުއަރީ މަހުން ފެށިގެން އޮބާޔެމާންގް ހުރީ އާސެނަލް ދޫކޮށްލަން ތައްޔާރު ވެގެންނެވެ. އާސެނަލްގައި މަޑުކުރަން ބޭނުންވާ ކަމަށް ތަކުރާރުކޮށް މީޑިއާގައި އޮބާމެޔާންގް ވާހަކަ ދައްކާފައި ހުރި ނަމަވެސް އަންނަ ސީޒަނުގައި އޭނާ އެ ކްލަބުން ފެނިދާނެކަމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސެނަލްގައި އޭނާ މަޑުކުރާނީ މިހާރު ލިބޭ މުސާރައަށްވުރެ އެތައް ގުނަ ބޮޑު އަދަދެއް ކްލަބުން އޭނާ އަށް ދީގެން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޮބާމެޔާންގް ޑިމާންޑް ކުރަނީ ހަފުތާއަކު 300،000 ޕައުންޑަށެވެ. ނަމަވެސް އާސެނަލްގެ މެނޭޖްމަންޓުން ގެބޮން ފޯވަޑްގެ މި ޑިމާންޑަށް އާއެކޭ ބުނާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ދެން އަންނަ ޓްރާންސްފާ ބާޒާރުގައި އޮބާމެޔާންގް އެހެން ކްލަބަކަށް ބަދަލުވެދާނެކަމީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ އޮބާމެޔާންގް އަށް އެންމެ ބޮޑަށް ފާރަލަމުން އަންނަނީ ބާސެލޯނާ އިންނެވެ. ބާސާގެ އެއްވަނަ ސްޓްރައިކަރު ލުއިސް ސުއަރޭޒް މިވަގުތު ކަކުލުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރިއިރު ދުރު މުސްތަގްބަލަކަށް ވިސްނާފައި ސުއަރޭޒްގެ ބަދަލުގައި ބާސާގެ އެއްވަނަ ފޯވަޑްގެ މަގާމަށް އޮބާމެޔާންގް ގެނައުމަކީ އެ ކްލަބުން ގެންގުޅެމުން އަންނަ ވިސްނުމެކެވެ. ބާސާ އިން އަންނަނީ އޮބާމެޔާންގުގެ އިތުރުން އިންޓަގެ ފޯވަޑް ލައުޓަރޯ މާޓިނެޒް އާއި ޕީއެސްޖީގެ ފޯވަޑް ނޭމާ އަށް ވެސް ފާރަ ލަމުންނެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން ނޭމާގެ އަގު މާކެޓުގައި އުޅެނީ 167 މިލިއަން ޑޮލަރުގައެވެ. އަނެއްކޮޅުން މާޓިނެޒްގެ އަގު އުޅެނީ 142 މިލިއަން ޑޮލަރުގައެވެ. މި އަގުތަކަށް ބަލާއިރު ޔުއެފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ތެރެއިން ނޭމާ ނުވަތަ މާޓިނެޒްގެ ސޮއި ހޯދަން ބޭނުންމަ އެންމެ ފުރަތަމަ ކްލަބުން ކުޅުންތެރިން ވިއްކާލަައިގެން އާމްދަނީ ހޯދުމަށް ބާސާ އަށް މަޖުބޫރުވާނެއެވެ. އެނޫން ގޮތަކަށް އެފްއެފްޕީ ހަމަތަކުގެ މަތިން ބާސާ އަށް މި އަގުތަކުގައި ކުޅުންތެރިން ގަތުމުގެ ފުރުސަތެއް ނެތެވެ. ކަންމިހެން ހުރުމާއެކު އެންމެ ފަސޭހައިން ލިބެން އޮތް ޓާގެޓުގެ ގޮތުން ބާސާ އިން އެންމެ ފަހުން އެކްޓިވޭޓް ކުރަން ޖެހޭނީ ޕްލޭން ބީ އެވެ. އެއީ 66 މިލިއަން ޑޮލަރަށް އޮބާމެޔާންގް ހޯދުމެވެ. ރިޕޯޓުތައް ބުނާގޮތުން އޮބާމެޔާންގް ބަދަލުގައި އާސެނަލް އަށް ޑިފެންޑަރު ސަމުއެލް އުމްޓިޓީ ދޭ ގޮތަށް ވެސް މި ޓްރާންސްފާ ކުރިއަށް ގެންދަން ބާސާ އިން އަންނަނީ ވިސްނަމުންނެވެ.

އުމުރުން މިހާރު 30 އަހަރުވެފައިވީ ނަމަވެސް އޮބާމެޔާންގް އަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅެތި ސްޓްރައިކަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. މިސީޒަނުގައި މިހާތަނަށް އާސެނަލް ޖާޒީގައި ކުޅެދިން 32 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައިދީފައެވެ.