ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި، ރާއްޖޭގެ ދެ ކުޅުންތެރިން ހިމެނިއްޖެއެވެ.

އެގޮތުން ބެޑްމިންޓަން ޑަބަލްސްގެ ގޮތުގައި ހޮވިފައިވަނީ ހދ. ނޭކުރެންދޫއަށް އުފަން އައިމިނަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި ފާތިމަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އެވެ.

މިއީ މިހާތަނަށް އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ރާއްޖެ ތަމްސީލްކޮށް ހޮވުނު ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން ނަބާ ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތް މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އެ ހިސާބަށް ވާސިލްވުން ކަމަށެވެ.

މިކަމާއިގުޅިގެން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އިއްޔެ ވަނީ މަރުހަބާ ދަންނަވާފައެވެ. މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ނަބާއާ ނަބީގެ ކުރިއެރުމުގެ ސަބަބުން ޖަޕާންގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ދެ ކުޅުންތެރިންނަށް ލިބިގެން ދާނެކަން ފާހަގަކުރައްވާފައެވެ.

 

އެންމެ ފަހުން ބީޑަބްލިއުއެފްގެ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް ހޯދީ ޕާކިސްތާން މުބާރާތުގައި ނަބާ އާއި ޒަޔާން ޒަކީއެވެ. އަދި ހަަމަ އެ މުބާރާތުގައި ނަބީ އާއި ނަބާ ވަނީ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދައިފައެވެ.

ރާއްޖެއަށް ބެޑްމިންޓަނުން ހޯދި ކުރިއެރުމުގައި މި ދެބެއިން ވަނީ ރާއްޖެއަށް ރަން މެޑަލް ހޯދަދީފައެވެ. އެގޮތުން ރާއްޖެ އަށް ގެނައި ފުރަތަމަ ރަން މެޑަލް މިދިޔަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް ބައިން ނަބީ ވަނީ ހޯދާފައެވެ.