ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަޤްވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ސަބް ބޭސްގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރުކޭއެލް އަށެވެ. އެ ކުންފުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ތާރީޚަކީީ ޑިސެމްބަރ 27 އެވެ. އެއްބަސްވުމުގައި ވާގޮތުން މި އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަސް ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ.

ސަބް ބޭސް އެޅުމުގެ މަސައްކަތް ނިންމަންޖެހެނީ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައެެވެ. މި މަސައްކަތުގެ އަގަކީ 1162012 (އެއްްމިލިއަން އެއްލައްކަ ފަސްދޮޅަސް ދެހާސް ބާރަ) ރުފިޔާ އެވެ.

މިއީ ރާއްޖޭގައި އަޅާ ބައިނަލްއަޤްވާމީ ފެންވަރުގެ ފުރަތަމަ ނެޓްބޯޅަ ކޯޓެވެ. ގިނަ އަހަރުތަކެއް ވަންދެން ރަސްމީ ސިފައެއްގައި ނެޓްބޯޅަ ނުކުޅެ އޮތުމަށްފަހު މި ސަރުކާރުން ވަނީ އެ ކުޅިވަރު އަލުން ކޮޅަށް ޖަހާ، އެ އެސޯސިއޭޝަނަށް ގިނަ އެހީތެރިކަމެއް ވެދީފައެވެ. މިހާތަނަށް އައި އިރުވެސް ނެޓުބޯޅައަކީ ކުޅޭނެ ތަނެއް ނެތި ވަރަށް ހާލުގައި އޮތް އެސޯސިއޭޝަނެކެވެ.

ޒަމާނީ ފެންވަރުގެ ނެޓްބޯޅަ ކޯޓުގެ ނަމޫނާ ކުރެހުމެއް

ރާއްޖޭގައި އަންހެން އެތުލީޓުން ގިނަ އަދަދަކަށް ކުޅެމުން އަންނަ ނެޓްބޯޅައަށް ޒަމާނުއްސުރެން ވެފައިވާ އިހުމާލާއި ގުޅިގެން މިހާތަނަށް އައި އިރުވެސް މި ކުޅިވަރުން ރާއްޖެއަށް ރަނގަޅު ހިސާބަކަށް ދެވިފައެއްނުވެއެވެ. ނަމަވެސް އަލަށް އިންތިހާބުވި އެކްސްކޯއާއެކު ނެޓްބޯޅަ އެސޯސިއޭޝަނުގެ މަސައްކަތްތައް ދެގުނަ ވަރުގަދަކޮށް ކުޅިވަރު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ވަނީ ފަށާފައެވެ.

ޒަމާނީ ފެންވަރުގެ ސްޓޭޑިއަމްގެ އިތުރުން ނެޓްބޯޅަައިގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށްވެސް އެސޯސިއޭޝަނުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ޤައުމީ ޓީމެއް އެކުލަވާލައި، ކުޅުންތެރިން އިތުރަށް މި ކުޅިވަރުގެ ތެރެއަށް ގެނައުމަށް އެސޯސިއޭޝަނުން ގިނަ ޕްލޭންތަކެއް ވަނީ ހަދާފައެވެ.