ފަހަތުން އަރާ 1-2 އިން ބަޔާން މިއުނިކް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ.

ބަޔާންގެ ދަނޑުގައި މިރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ބަޔާން އިންނެވެ. ހަމޭސް ރޮޑްރިގޭޒް ދިން ޕާހަކުން މި ގޯލު މެޗުގެ 27 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޔޯޝުއާ ކިމިޗްއެވެ.

މި ގޯލަށްފަހު ބަޔާންގެ ފްރޭންކް ރިބެރީ އަދި މެޓްސް ހުމެލްސް އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެ ފުރުސަތުތަކުގެ ބޭނުން ބަޔާން އިން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 43 ވަނަ މިނެޓްގައި މާސެލޯ ރެއާލް އަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ. މާސެލޯ މި ގޯލު ކާމިޔާބުކުރީ ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ނަގަން ބަޔާންގެ ފޯވާޑް ލެވެންޑޯސްކީ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 56 ވަނަ މިނެޓްގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. ރެއާލް އިން އުފެއްދު ކައުންޓަ އެޓޭކެއްގައި ވަޒްކުއޭޒް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މާކޯ އެސެންސިއޯއެވެ.

ރެއާލްގެ މި ގޯލަށްފަހު ބަޔާންގެ ވިންގާ ފްރޭންކް ރިބެރީ ވަނީ ކައިރިކައިރީގައި ރެއާލްގެ ގޯލަށް ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތަށް ދިފާއުކުރުމުގައި ރެއާލްގެ ކީޕަރު ނަވާސްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. މީގެއިތުރުން މެޗުގެ ފަހުވަގުތުކޮޅުތެރޭ ލެވެންޑޯސްކީ އަށް ވެސް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް ރެއާލް އިން ޖެހިލާފައިވާއިރު މި މުބާރާތް ފާއިތުވި ދެ އަހަރު ވެސް ކާމިޔާބުކޮށްފައިވަނީ ރެއާލް އިންކަން ފާހަގަކޮށްލެވެއެވެ.

ރެއާލް އާއި ބަޔާން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.