އާސެނަލްގެ ކުޅުންތެރިންނަށް މި ސީޒަނުގައި ހާއްސަ ކަމެއް ކޮށްދޭން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗުކަމުގެ މަގާމު ދޫކޮށްލަން ނިންމާފައިވާ އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްގައި 21 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެ ކްލަބުގެ ކޯޗުކަމުގެ މަގާމު ދޫކޮށްލަން ނިންމާފައިވާއިރު މި ސީޒަނުގައި އެ ކްލަބަށް ތަށްޓެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ ޔޫރަޕްގެ ދެވަނަ އަށް އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގެވެ.

އެގޮތުން ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އިން މިރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނާނެއެވެ.

ކާމިޔާބީއަކާއި އެކު އާސެނަލް ދޫކޮށްލުމުގެ ފުރުސަތު ވެންގާ އަށް ލިބިފައިވާއިރު އޭނާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ރަނގަޅަކަށް މަސައްކަތް ކުރެވޭތޯ ކަމަށާއި އާސެނަލްގައި މިހާތު ތިބި ކުޅުންތެރިންނަށް ހާއްސަ ކަމެއް ކޮށްދޭން ބޭނުންވާ ކަމަށެވެ.

"އާސެނަލްގައި މިތިބި ކުޅުންތެރިންނަށް ހާއްސަ ކަމެއް ހައްގުވޭ. އަހަރެން ބޭނުން އެ ކުޅުންތެރިންނަށް އެކަން ހާސިލުކޮށްދޭން. މި ކުޅުންތެރިން މުޅި މި ސީޒަނުގައި މަސައްކަތް ކުރިގޮތް އަހަންނަށް ވަނީ ފެނިފަ. އެމީހުންނަށް ހައްގުވޭ ކާމިޔާބީއެއް" ވެންގާ ބުންޏެވެ.

މިވަގުތު އާސެނަލް ދޫކޮށްލަން ބޭނުންވާ ގޮތަކާއި މެދު ނުވިސްނާ ކަމަށާއި މިވަގުތު ވިސްނުން ހުރީ ކުރިއަށް އޮތް މެޗުން މޮޅުވުމާ މެދު ކަމަށްވެސް ވެންގާ ބުންޏެވެ.

އާސެނަލްއާ ދެކޮޅަށް މިރޭ ނިކުންނަ އެތްލެޓިކޯއާ ގުޅޭގޮތުން ވާހަކަދައްކަމުން ވެންގާ ބުނީ އެޓީމުގައި ބަލިކަށި އެއްވެސް ކަމެއް ނެތް ކަމަށާއި އެތްލެޓިކޯ އަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ޓީމެއް ކަމަށެވެ.

"އެތްލެޓިކޯގެ އެންމެ ވަރުގަދަ ކަމަކީ އެޓީމުގައި ބަލިފައެއް ނެތުން. އެޓީމަކީ ރަނގަޅަށް މަސައްކަތްކުރާ އަދި އިދިކޮޅު ޓީމުގެ ބަލިފައިތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން ދަންނަ ޓީމެއް" ވެންގާ ބުންޏެވެ.

އާސެނަލް އާއި އެތްލެޓިކޯ މިރޭ ބައްދަލުކުރާއިރު މިއީ ވާދަވެރި މެޗެއްގައި މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާސެނަލްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12:05 ގައެވެ.