އިޓާލިއަން ލީގުގެ ކުލަބުތަކުގެ ކުޅުންތެރިން އިންޑިވިޖުއަލް ތަމްރީނުތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށުމުގެ ހުއްދަ އިޓަލީ ސަރުކާރުން ދީފިއެވެ.

ކޮވިޑް-19 ވައިރަހާ ހެދި އިޓަލީ ލީގު މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. ކޮވިޑް-19 ޔޫރަޕްގައި އެންމެ ފުރަތަމަ ފެތުރެން ފެށި ހިސާބުން ފެށިގެން މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަކީ އިޓަލީއެވެ. މާޗް މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރިލް މަހުގެ މެދަކާ ހިސާބަށް އިޓަލީން ކޮވިޑް-19 ޖެހިގެން އެތައް ހާސް ބަޔަކު މަރުވި ނަމަވެސް މިހާރު އެ ގައުމުގައި މި ބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. މިދިޔަ އާދީއްތަ ދުވަހު މި ބަލީގެ ސަބަބުން އިޓަލީގައި މަރުވީ 260 މީހުންނެވެ. މިއީ މާޗް 14 ގެ ފަހުން އެގައުމުން މި ވައިރަހުގައި މީހުން އެންމެ މަދުން މަރުވި ދުވަހެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިޓަލީން މަސަތްކަތް ކުރަމުން އަންނަ އިރު އެގައުމުގެ ސަރުކާރުން ވަނީ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމައިފައެވެ. އިޓަލީގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ ވިދާޅުވީ އެގައުމުގެ ކުޑަކުދިންގެ ޕާކުތައް ވެސް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުޓްބޯޅަ ކްލަބްތަކުގެ ކުޅުންތެރިން އިންޑިވިޖުއަލް ތަމްރީނުތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފެށުމަށާއި ޓީމު ތަމްރީނުތައް އަންނަ މަހުގެ 18 ވަނަ ދުވަހު ފެށުމުގެ ހުއްދަ ވެސް ބޮޑުވަޒީރު ކޮންޓޭ ވަނީ ދީފައެވެ.

އަންނަ މަހު ހަތަރެއްގައި ފުރަބަންދުގެ އުސޫލަށް ލުއިތަކެއް ދޭން ނިންމައިފައިވީ ނަމަވެސް އޭގެ ނާޖާއިޒު ފައިދާއެއް އެއްވެސް ފަރާތަކުން ނުނެގުމަށް ކޮންޓޭ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ކުޅުންތެރިންނާއި ޓީމުތަކުން ފަރިތަކުރުންތައް ފެށުމަށް ފަހު މެއި 27 އާއި ޖޫން 02 އަކާ ދެމެދު އިޓަލީ ލީގުގެ ކުޅުން އަލުން ފެށޭތޯ އެގައުމުގެ ފުޓްބޯޅަ އިދާރާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިޓާލިއަން ލީގު އަލުން ފަށަން ހަތް ކްލަބަކުން ދެކޮޅު ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ލީގު ހިންގާ ކައުންސިލުން އޮތީ ލީގު ފުރިހަމަކުރަން ނިންމައިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލީގު އަލުން ފެށުމާއި ދެކޮޅު ހަދާފައިވަނީ ސެރިއޭ އޭގެ ކްލަބުތަކުގެ ތެރެއިން އުދިނޭޒީ، ބްރެޝިއާ، ސަމްޕްޑޯރިއާ، ޓޮރިނޯ، ސްޕާލް އަދި ކަލިއާރީގެ އިތުރުން ޖެނޯއާ އެވެ. ލީގު ފެށުމާއި މި ކްލަބުތަކުން ދެކޮޅު ހެދި ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ޔުއެފާއިން ވަނީ އެ އިދާރާގެ ހުއްދަ ނުހޯދައި އެއްވެސް ލީގެއް ކެންސަލް ނުކުރަން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް އަންގާފައެވެ.