އަމާޒަކީ ކޯޗެއްގެ ގޮތުގައި ހަތަރު ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބުކުރުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި ނޫހަކަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ރިޓަޔާވުމުގެ ކުރިން އަދި މަދުވެގެން އެއް ފަހަރު އިނގިރޭސި ލީގު ކާމިޔާބު ކުރުމަކީ އޭނާގެ އަމާޒެއް ކަމަށާއި އެކަން ހާސިލްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެން ހޯދައިފިން ތިން ޕްރިމިއާ ލީގް. އެކަމަކު އަހަރެން ވިސްނަނީ އަހަންނަށް އަދި ހަތަރު ވަނަ ތަށި ވެސް ކާމިޔާބުކުރެވޭނެ ކަމަށް، " ސްކައި ސްޕޯޓްސްއާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

އުމުރުން 57 އަހަރުގެ ޖޯސޭ މޮރީނިއޯ އަކީ ފުޓްބޯޅަ ދުނިޔޭގައި އާ ނަމެއް ނޫނެވެ. މިދިޔަ ވިއްސަކަށް އަހަރު ތެރޭ ފެނިގެންދިޔަ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭ ހިމެނޭ މޮރީނިއޯ އަކީ ތަފާތު ހަތަރު ގައުމެއްގައި ލީގު ކާމިޔާބުކޮށްފައިވާ ކޯޗެކެވެ. މީގެ ތެރެއިން ވެސް އޭނާ އެންމެ ވިދާލީ ކެރިއަރުގެ ކުރީކޮޅު ޗެލްސީ އަށް އިރުޝާދު ދިން ދުވަސްވަރުގައެވެ. ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ސަމާލުކަން މޮރީނިއޯ އަށް ލިބުނީ ޕޯޗުގަލްގެ ޕޯޓޯއާއެކު އޭނާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހިސާބުންނެވެ.

ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުރެ މޮރީނިއޯ ވަނީ އެ ކްލަބް އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރަކަށް ހަދައިދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ވަނީ ފުރަތަމަ ދެ އަހަރު ލީގް ޗެމްޕިއަންކަން ހޯދައިފައެވެ. ލީގުގެ އިތުރުން އެފްއޭ ކަޕް އެއް ފަހަރު އަދި ލީގް ކަޕް ދެ ފަހަރު ޗެލްސީން ކާމިޔާބުކުރިއެވެ. ކްލަބާއެކު ހޭދަކުރި ފުރަތަމަ ދެ އަހަރު ހޯދި ބޮޑެތި ކާމިޔާބީތަކާއެކު ޗެލްސީގެ ސަޕޯޓަރުންގެ ލޯބި މޮރީނިއޯ އަށް ލިބެން ފެށި އެވެ. ޗެލްސީއާއެކު މޮރީނިއޯ ކުރި ދަތުރަށް ނިމުން އައީ ތިންވަނަ އަހަރުއެވެ. 2007-08 ވަނަ ސީޒަނުގެ ފުރަތަމަ ކޮޅު ނަތީޖާތައް ގޯސްވެ ކްލަބުގެ ވެރިޔާ އަބްރަމޮވިޗްއާ އޭނާ އާއި ދެމެދު ގުޅުން ގޯސްވުމުގެ އެންމެ ފަހުން އޭނާ މަގާމުން ވަކިކުރީއެވެ.

ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޮރީނިއޯ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށީ ބެންފީކާ އިންނެވެ. އޭގެ ފަހުން ޗެލްސީ އަށް އިރުޝާދު ދިނުމަށްފަހު އޭނާ ވަނީ އިންޓަ މިލާނާއި ރެއާލް މެޑްރިޑާ އެކު ވެސް މަސަތްކަތް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް ޗެލްސީ އަށް ކޯޗުކޮށްދިނުމަށް ފަހު މޮރީނިއޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވެސް އިރުޝާދުދީފައެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ފަސް އަހަރަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށްފަހު އެ މަގާމަށް ޕޯޗުގަލްގެ މޮރީނިއޯ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަވިޔަނި

    ތިންވަނަ ޕ.ލީ ގު ތަށި ހޯދީ ކޮން ޓީމެއް ގަ ކޮން އަހަރަކު ކަމެއް ސާފެއް ނުވި

    2
    2
    • ބުރޯ

      2014/2015 ވަނަ ސީޒަން..ޗެލްސީ އާއެކު

      4
      1