ކޯޗެއްގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދޭން ޖެހޭ މާ ގިނަ އިރުޝާދުތަކެއް ނުހުންނަ ކަމަށް ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

“ ރޮނާލްޑޯ ވަށައިގެން ކޮންމެހެން ޓީމު ބިނާކުރަން ނުޖެހޭ. އަހަރެން މިހެން ބުނިން ޒިދާނާ ބެހޭގޮތުންވެސް. ރޮނާލްޑޯ މެން ލާން ޖެހޭނީ އެމީހުންނަށް ދަނޑުމަތީގަ އެންމެ ފަސޭހަ ޕޮޒިޝަނަށް. ޑިފެންސިވްލީ ވެސް މާ ބޮޑު އިރުޝާދުތަކެއް ހަގީގަތުގަ ރޮނާލްޑޯ އަށް ދޭކަށް ނުޖެހޭ. އެއްބައި ކުޅުންތެރިންނަކީ އެޓޭކިންގަ އުޅޭ މީހުން. އަނެއްބައި މިއުޅެނީ ޑިފެންސިވްގަ. މިހެން ބުންޏަސް ފުޓްބޯޅަ އަކީ ޓީމް ކުޅިވަރެއް އަދި ޓީމެއްގެ ގޮތުގައި ކުޅެން ޖެހޭނީ. އެކަމަކު ރޮނާލްޑޯ ކަހަލަ ކޮންމެ މެޗެއްގައިހެން ގޯލު ޖަހާ ކުޅުންތެރިޔަކަށް ޑިފެންސިވްލީ ދޭން ޖެހޭ މާ ގިނަ އިރުޝާދެއް ނުހުންނާނެ، “ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ވަނީ އޭނާ ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ހުރި އިރު ރޮނާލްޑޯ އާއެކު މަސަތްކަތް ކޮށްފައެވެ. އަންޗެލޮޓީ ވަނީ ރޮނާލްޑޯ އަށް 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައި ރޮނާލްޑޯ އާއި އަންޗެލޮޓީ އަކީ ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުގައި އެންމެ ކާމިޔާބު ދެމީހުންނެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށް ރެކޯޑް 126 ގޯލު ޖަހަައިފައެވެ. އަނެއްކޮޅުން އަންޗެލޮޓީ ވަނީ ރެއާލުގެ ކުރިން އޭސީ މިލާނަށް ދެ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.

ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ ޔުވެންޓަސްގެ ކޯޗުގެ މަގާމް މިދިޔަ ސީޒަނަށް ފަހު ހުސްވުމުން އެ މަގާމަށް އަންޗެލޮޓީ ގެނައުމަށް ރޮނާލްޑޯ އެދުނު ކަމަށް ވެސް އޭރު މީޑިއާގައި އަޑު އެރިއެވެ.