ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން، އެ އެސޯސިއޭޝަނާއި، އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާ އާއި އޭބީބީއެފް އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މި އަހަރު އެ މުބާރާތް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މުބާރާތް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 01 އިން 07 އަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ ކުރިން މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު 5ން 11 އަށެވެ.

ބޮޑީބިލްޑިންގް އެސޯސިއޭޝަނުން ބޮޑު ހަރަކާތެއް ނުބާއްވަން ނިންމިއިރު އެ އެސޯސިއޭޝަނުން ބާއްވާ ގިނަ ހަރަކާތްތައް ވައިރަހާ ގުޅިގެން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. އެގޮތުން މިދިޔަ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ގައުމީ ބޮޑީބިލްޑިންގް ޓީމުގެ ސިލެކްޝަން ވެސް ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އެއާއެކު ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުންހެން ވަނީ އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މެދުކަނޑާލާފައެވެ.