2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިން މެޗުތައް އަންނަ އޮކްޓޫބަރު މަހުގައި ފެށުމަށް ނިންމައިފި އެވެ. އޭ އެފްސީން މިދިޔަ ހުކުރު ދުވަހުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އޮކްޓޫބަރ އަދި ނޮވެމްބަރު މަހުގައި ބާކީ ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ މާރޗް އަދި ޖޫން މަހުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް އޮކްޓޫބަރ އަދި ނޮވެމްބަރު މަހަށް ފަސްކޮށްފައި ވަނީ މެމްބަރު އެސޯސިއޭޝަން ތަކާއި ބޭއްވުނު ބައްދަލުވުން ތަކަކަށް ފަހުގައި ކަމަށް އޭއެފްސީން ހާމަކުރިއެވެ.

އޭއެފްސީން ދަނީ ވަރަށް ރަނގަޅަށް ކޮވިޑް -19 ގެ ހާލަތު ބަލަމުން ކަމަށާއި ސަލާމަތީ ހުރިހާ ކަމަކަށް ވިސްނައި ގައުމުތަކުގެ ސަރުކާރުތަކުން އަޅާ ސަލާމަތީ ފިޔަވަޅުތައް ބަލައި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތް ވަރަށް ކައިރިން މޮނިޓާ ކުރަމުން ގެންދާ ކަމުގައި އޭ އެފްސީގެ އޮފިޝަލަކު އޭއެފްޕީ އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވެފައި ވެއެވެ.

އޮކްޓޫބަރ 8 ގައި ރާއްޖޭގެ ގައުމީ ޓީމު އެންމެ ފުރަތަމަ ކުޅޭ މެޗުގައި ވާދަކުރާނީ ޗައިނާ އާއި ދެ ކޮޅަށެވެ. ކޮލިފައިންގެ ހުރިހާ މެޗުތައް މެދުކަނޑާ ލުމުގެ ކުރިން މި މެޗަކީ މާރޗް 26 ގައި ކުޅެން ހަމަޖެހިފައިވާ މެޗެކެވެ. އޮކްޓޫބަރ 13 ވަނަ ދުވަހު ކޮލިފައިންގައި ރާއްޖޭގައި އެންމެ އަވަހަށް ކުޅޭމެޗުގައި ދިވެހި ގައުމީ ޓީމު ނިކުންނާނީ ސީރިއާ އާއި ދެކޮޅަށެވެ. ކޮލިފައިންގެ ފަހު މެޗުގައި ފިލިޕީންސް އާއި ރާއްޖެ ބައްދަލު ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ގައި ރަށުން ބޭރުގައެވެ.

ކޮލިފައިންގެ ހަތަރު މެޗު ކުޅެގެން ރާއްޖެ މިހާރު އޮތީ ހަތަރު ވަނައިގައި 6 ޕޮއިންޓާއި އެކުގައެވެ. ދިވެހި ގައުމީ ޓީމުގެ މިހާރުގެ އަމާޒަކީ އޭޝިއަންކަޕް 2023 އަށް ކޮލިފައި ވުމެވެ. މި ގްރޫޕްގައި ރާއްޖެއަށް ލިބޭ މަގާމެއްގެ ގޮތުން އޭޝިއަން ކަޕަށް ކޮލިފައި ވުމަށް ފަސޭހަތަކެއް ލިބިގެން ދާނެއެެވެ. އެގޮތުން ގުރޫޕުގެ ގަދަ 3 ވަނައިގައި ހިމެނިއްޖެނަމަ އޭޝިއަން ކަޕް ކޮލިފައިން 3ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެއެވެ.