އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާ އަށް ކުޅުން ހުއްޓާލުމުގެ ކުރިން އެ ކްލަބްގެ ކޯޗުކަމާ ޒަވީ ހަނާންޑޭޒް ހަވާލުވާން ޖެހޭ ކަމަށް ކުރީގެ މަޝްހޫރު ފޯވަޑް ސެމުއެލް އެޓޫ ބުނެފިއެވެ.

ކުރިން ބާސާ އަށް ކުޅެދިން ކެމަރޫންގެ ފޯވަޑް އެޓޫ ބުނީ ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީ އަކީ ވަރަށް ގާބިލު މީހެއް ކަމަށެވެ. އަދި ފުޓްބޯޅައިގެ ރަސްގެފާނު، މެސީ ބާސާ ދޫކޮށް ނުލަނީސް ޒަވީ އެ ކްލަބްގެ ކޯޗްގެ މަގާމަށް އަންނަން ޖެހޭ ކަމަށެވެ.

"އަހަރެން ޒަވީ ކައިރީ ބުނިން ކޮންމެ ގޮތެއް ހަދާފަވިޔަސް ބާސާ އަށް އެނބުރި ދާން ވާނެ އޭ. އަހަރެން ބުނިން އެކަން ކުރަން ވާނީ އެކަމަކު މެސީ ބާސާގައި ހުއްޓާއޭ. ޒަވީ ވަނީ މެސީއާއެކު ކުޅެފަ. އެހެންކަމުން އެހެން މީހަކަށްވުރެ ބޮޑަށް ޒަވީ އަށް ފަސޭހަވާނެ މެސީއާއެކު މަސަތްކަތް ކުރަން،" އެޓޫ ބުންޏެވެ.

ބާސެލޯނާއާއެކު 18 އަހަރު ހޭދަކުރި ޒަވީ އަށް އެ ކްލަބުގެ ކޯޗުކަމާ ހަވާލުވާން މީގެ ހަތަރު މަސް ކުރިން ހުށަހެޅުމުން، އޭނާ ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

ބާސާގެ ކޯޗަކަށް ކިކޭ ސެޓިއެން ހަަމަޖެއްސުމުގެ ކުރިން އެ ޓީމުން ފުރަތަމަ ގެންނަން މަޝްވަރާކުރީ ވެސް ޒަވީއާއެވެ. ނަމަވެސް ބާސާގެ ހުށަހެޅުމަށް ދެކޮޅު ހަދަމުން ޒަވީ ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަރުހަލާ ކަމުން އަދި ބާސެލޯނާ އަށް ދާން މާ އަވަސް ކަމަށެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވަނީ ޒަވީ ކޮންމެވެސް ދުވަހަކުން ބާސާގެ ކޯޗުކަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޒަވީއަކީ ބާސެލޯނާގެ ތާރީހް ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އެ ކްލަބާއެކު އޭނާ ހޭދަކުރި 18 އަހަރު ތެރޭގައި ޒަވީ ވަނީ މުޅިއެކު 25 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އަށް ސްޕެނިޝް ލީގާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.