ރޭ ކުޅުނު މެޗުން މޮޅުވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޓޮޓެންހަމް ޖާގައެއް ކަށަވަރުކުރިއިރު ރޭ ކުޅުނު މެޗުން އެއްވަރުވުމުން ލީގުގެ ގަދަ ހަތަރެކަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް ވަރަށް ބޮޑަށް ހަނިވެއްޖެއެވެ.

ރޭގެ މޮޅާއެކު ޓޮޓެންހަމް އޮތީ 74 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ހަތަރުވަނައިގައި މިހާރު އޮތީ 72 ޕޮއިންޓާ އެކު ލިވަޕޫލްއެވެ. އަދި ފަސްވަނައިގައި 70 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ލީގުގެ ގަދަ ހަތަރަކަށް ޗެލްސީ އަށް ދެން އެރޭނީ ލީގުގެ ފަހު މެޗުން އެޓީމު މޮޅުވެ އަދި ލިވަޕޫލް ކުޅޭ މެޗުން އެޓީމު ބަލިވެއްޖެ ހާލަތެއްގައެވެ. ލީގުގެ ފަހު މެޗުގައި ރަށުން ބޭރުގައި ޗެލްސީ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ލިވަޕޫލް ނިކުންނާނީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ނުލިބޭނެއެވެ.

ޓޮޓެންހަމް ރޭ މޮޅުވީ ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 0-1 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ ނިއުކާސަލް އަށެވެ. އެގޮތުން ޝެލްވީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލަސެލްސް ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ލޮރިސްއެވެ.

ގޯލްޖަހާނެ މާގިނަ ފުރުސަތުތަކެއް ޓޮޓެންހަމް އަށް މި މެޗުގައި ލިބިފައިނުވާއިރު އެޓީމުގެ ހަމައެކަނި ގޯލު 50 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. މިއީ ލީގުގައި ކޭން ކާމިޔާބުކުރި 28 ވަނަ ގޯލެވެ.

ރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ޓޮޓެންހަމް އިން ކަށަވަރުކުރިއިރު މިއީ އެ މުބާރާތަށް އެޓީމު ޖެހިޖެހިގެން ކޮލިފައިވި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގެ ފަސްވަނައިގައި އޮތް ޗެލްސީ ރޭ އެއްވަރުވީ އަމިއްލަ ދަނޑުގައި ހަޑަލްސްފީލްޑްއާ ބައްދަލުކޮށް 1-1 އިންނެވެ. ހަޑަލްސްފީލްޑުން ވަރަށް ޑިފެންސިވް ކުޅުމެއް ރޭގެ މެޗުގައި ދެެއްކިއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވެސް އެޓީމުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެޕޮއިޓްރޭއެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި މާކޮސް އޮލޮންސޯ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ވެސް ޗެލްސީ އިން ދިޔައީ ހަޑަލްސްފީލްޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަމުންނެވެ. ނަމަވެސް ޗެލްސީން ފޮނުވާލި އެ ހަމަލާތަށް ދިފާއުކުރުމުގައި ހަޑަލްސްފީލްޑުގެ ޑިފެންޑަރުންނާއި އެޓީމުގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

ރޭގެ މެޗު އެއްވަރުވުމުން ހަޑަލްސްފީލްޑުން ވަނީ އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި ދެމިތިބެވޭނެކަން ކަށަވަރުކޮށްފައެވެ. ހަޑަލްސްފީލްޑު އޮތީ 37 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.