އިންގްލިޝް ޕްރިމިއާ ލީގު މި އަހަރުގެ ސެޕްޓެމްބަރު މަހު 12 ގައި ފަށަން ނިންމައިފި އެވެ.

މި އަންނަ އާދިއްތަ ދުވަހު މި ސީޒަންގެ ހުރިހާ މެޗުތަށް ކުޅެ ނިމޭ އިރު ކުރިއަށް އޮތް ސީޒަންގެ މެޗުތަށް ސެޕްޓެމްބަރު 12 ގައި ފެށުމަށް ޕްރިމިއާ ލީގުގެ ޝެއާ ހޯލްޑަރުން މިއަދު ވަނީ އެއްބަސް ވެފައެވެ.

ޕްރިމިއާ ލީގުން އަންނަ ސީޒަން ފެށުމަށް އިއުލާން ކުރި ތާރީހާއެކު އީއެފްއެލް އިންވެސް ވަނީ އަންނަ ސީޒަންގެ އިނގިރޭސި އެހެން ލީގުތަށް ހަމަ އެހަފްތާގައި ފެށުމަށް ނިންމާފައެވެ. ޗެންޕިއަންސް ލީގު ނިމުމުން ތިން ހަފްތާގެ ބްރޭކަކަށް ފަހު 2020-21 ގެ ސީޒަން ފަށަން ހަމަޖެހިފައި ވާއިރު 2021 ވަނަ އަހަރު މެއި 23 އަށް ސީޒަން ނިންމުމަށް ހަމަޖައްސާފައި ވެއެވެ.

ޕްރިމިއާ ލީގުން މި ނިންމި ނިންމުމާއެކު ކުރިއަށް އޮތް ސީޒަންގެ މެޗުތަށް ފަށާނީ ސަޕޯޓަރުންނާއި ނުލައެވެ. ނަމަވެސް އޮކްޓޫބަރު މަހުން ފެށިގެން ސޯސަލް ޑިސްްޓެންސް ބަހައްޓާގޮތަށް ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާޗް 13 ގައި ޕްރިމިއާ ލީގުގެ މިސީޒަން މެދުކަނޑާ ލުމަށްފަހު ޖޫން 17 ގައި އަލުން ފަށާފައި ވާއިރު މި ސީޒަންގެ ބާކީ ހުރިހާ ޓީމަކަށް އޮތީ އެއްމެޗެވެ. މިއަހަރުގެ ޕްރިމިއާ ލީގު ލިވަޕޫލް ބޮޑު ތަފާތަކުން ކާމިޔާބު ކުރިއިރު ދެވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. ޕްރިމިއާ ލީގުން އިތުރަށް ހާމަކުރި ގޮތުގައި އެފްއޭ އަދި އީއެފްއެލް ކަޕްގެ ތާވަލް ރާވާނީ އެހެން ބޮޑެތި މުބާރާތް ތަކުން ތާވަލް ކުރާ ގޮތަކަށް ބެލުމަށް ފަހުގައެެވެ.

ކިޔުންތެރިންގެ ހިޔާލު