4-0 އިން ހަލް ސިޓީ ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ވިލިއަން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 27 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ގޯލު ޕެޑްރޯ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިލިއަންއެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮލިވިއޭ ޖިރޫ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ޗެލްސީ އަށް ބަދަލުވިފަހުން ޖިރޫ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މެޗުގެ ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު އެ ހާފްގެ ކުރީކޮޅު ހަލް ސިޓީ އަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. ނަމަވެސް ހަލް ސިޓީގެ މޭލާ ފޮނުވާލި އެ ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު ކަބަލޭރޯ ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި ޗެލްސީ އަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވިލިއަން އަށެވެ. ނަމަވެސް ހަލް ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވާއިރު ކުއާޓާގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިރޭ ނަގާ ގުރުއަތުލުމަށްފަހުއެވެ.

ޗެލްސީން ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ދެކޮޅަށެވެ. ޗެލްސީގެ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ.