އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް ޓީސީ ސްޕޯޓްސް ކްލަބުން ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ޓީސީއާއި މާޒިޔާ ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި ޓީސީން އެއްވަރުކޮށްފައި ވަނީ މާޒިޔާއިން ދެ ގޯލް ޖަހައިފައިވަނިކޮށް، ފަހަތުން އަރައެވެ.

މެޗުގެ ކުރީކޮޅުގައި ޓީސީން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ މާޒިޔާއިން އުފެއްދިއިރު، އެޓީމުގެ ނާއިޒް ހަސަން (ދާދު) ހުއްޓުވަން ޓީސީގެ ކުޅުންތެރިން ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ވައްދާލައިގެން މާޒިޔާއަށް ލީޑު ހޯދައިދިނީ އަހުމަދު އިމާޒު (އާއްކޮ)އެވެ. އެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ މާޒިޔާ ކުރީގައި އޮވެގެންނެވެ

މެޗުގެ ދަވަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މާޒިޔާއެވެ. ނަތީޖާއެއްގެ ގޮތުން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ 65 ވަނަ މިނެޓުގައިމާޒިޔާއަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކޯނެލިއަސް ސްޓެވާޓް އެވެ.

މި މެޗުގައި މާޒިޔާއަށް އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 68 ވަނަ މިނެޓުގައި ޓީސީއަށް ޕެނެލްޓީއެއް ލިބުމުންނެވެ. މާޒިޔާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް، ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ޕެނަލްޓީ ހޯދައިދިން ޓީސީގެ މިޑްފީލްޑަރު އެނަޓޮލީ ވްލާސިޗޭވް އެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ. އިބްރާހީމް މަހުދީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުންހިފާ ޓީސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާރީއެވ.

މެޗުން އެއްވަރުވި ނަމަވެސް ކުޅުނު ނުވަ މެޗުން 19 ޕޮއިންޓާއެކު މާޒިޔާ އޮތީ ދެވަނައިގައެވެ. ނިއު ރޭޑިއަންޓް އެއް ވަަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑަކާއެކު އެވެ. މި މެޗުގެ ނަތީޖާއަށްފަހު ނުވަ މެޗުން 15 ޕޮއިންޓް ލިބިފައިވާ ޓީސީ ވަނީ ފައިދާގެ ގޯލްގެ ތަފާތުން ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، ތިންވަނަ ހަފްތާގެ ކުޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށެވެ. އެއީ ރަމަޟާން މަސް ކަމަށްވުމުން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގައެވެ.