ޕީއެސްޖީގައި ހުރެން މުހިއްމު އެއްވެސް ކާމިޔާބީއެއް އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އަށް ނުހޯދޭނެ ކަމަށް ބްރެޒިލްގެ ލެޖެންޑެއް ކަމަށްވާ ރިވާލްޑޯ ބުނެފިއެވެ.

ބާސާގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު ނޭމާ އެ ކްލަބު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޕައުންޑަށެވެ.

ނޭމާ ޕީއެސްޖީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ވަނީ ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕްގެ އިތުރުން ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ.

ބާސާ ދޫކޮށްލުމަށްފަހު ނޭމާ ޕީއެސްޖީ އަށް ބަދަލުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާ އަށް އަމާޒުވިއިރު ރިވާލްޑޯ ބުނީ ޕީއެސްޖީގައި ހުރެގެން ނޭމާ އަށް މުހިއްމު ކާމިޔާބީއެއް ނުހޯދޭނެ ކަމަށާއި ވަކިން ހާއްސަކޮށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ޕީއެސްޖީގައި ހުރެގެން ނޭމާ އަށް ނެތް ކަމަށެވެ.

"ނޭމާ ޕީއެސްޖީ ދޫކޮށްނުލައިފިނަމަ މުހިއްމު އެއްވެސް ކާމިޔާބީއެއް އޭނާ އަށް ނުހޯދޭނެ. ވަކިން ހާއްސަކޮށް ޗެމްޕިއަންސް ލީގެއް ނުލިބޭނެ. އެއީ އެންމެ މުހިއްމު މުބާރާތަކީ" ރިވާލްޑޯ ބުންޏެވެ.

ޕީއެސްޖީ ވާދަކުރަމުން އަންނަ ފްރެންޗް ލީގަކީ ޔޫރަޕްގެ ބައެއް އެހެން ލީގުތަކާ އަޅާ ބަލާއިރު ދަށް ލީގެއް ކަމަށާއި ނޭމާ މިހާރު ކުޅެމުން އަންނަނީ އެއްވެސް ކަހަލަ ތާރީހެއް ނެތް ކްލަބަކަށް ކަމަށް ވެސް ރިވާލްޑޯ ބުންޏެވެ.

ރިވާލްޑޯ މިހެން ބުނެފައިވާއިރު މި ސީޒަނަށްފަހު ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުން ނޭމާ ގެނައުމަށް ރެއާލް މެޑްރިޑުން ޝައުގުވެރިވެއެވެ.

މި ވާހަކަތައް މިގޮތަށް ފެތުރުނު ނަމަވެސް ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ވަނީ އަންނަ ސީޒަނުގައި ވެސް ނޭމާ އެ ކްލަބުގައި ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އެސޮރު އެއީ ލާރި ފަހަތުން ދުވާ މީހެއް. ބާސާއަށްވެސް ދިޔައީ އެހެން މީހުންނަށްވުރެ ގިނައިން ފައިސާދޭނަމޭ ބުނީމާ. އެ ކްލަބް ދޫކޮށް ޕީއެސްޖީއަށްވެސް ދިޔައީ ހަމަ އެ އުސޫލުން. ނޭމާއަށް ބައިވަރު ފައިސާ ލިބޭނެ، މައްސަލަ ނިމުނީ.