އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި އާސެނަލާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އާސެނަލް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި މެޗު ކާމިޔާބުކޮށް އާސެނަލް އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރަށް ދަތުރު ކުރިއިރު ހަތަރު ވަނަ ބުރުގައި ލިވަޕޫލާ ދެކޮޅަށް ނިކުތުމުގެ ފުރުސަތު އެބައޮތެވެ.

މި މެޗު އާސެނަލުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާ އަކުންނެވެ. ދެވަނަ ހާފަށް ނިކުމެ އާސެނަލުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 57 ވަނަ މިނަޓްގައި ލެސްޓާގެ ޑިފެންޑަރު ކްރިސްޓިއަން ފުޗްސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ދެވަނަ ލަނޑު ފަހު ވަގުތު ކޮޅުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ހެކްޓާ ބެލެރެއިން ކުރި މަސައްކަތުގެ ތެރެއިން ލިބުނު ފުރުސަތެއް ގައި އާސެނަލަށް ކާމިޔާބު ކޮށްދިނީ އެޑްވާޑް ނިކެޓިއަހް އެވެ.

މިމެޗުން މޮޅުވެ އާސެނަލުން ހަތަރު ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރިއިރު މިރޭ ލިވަޕޫލުން ލީގް ވަންގެ ލިންކޮލޮން ބަލިކޮށްފި ނަމަ އާސެނަލް ނިކުންނަން ޖެހޭނީ ޕްރިމިއާ ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ. މިރޭ ޗެލްސީންވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފައެވެ.