ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ އަންނަ މަހު އޮންނަ ކްލެސިކޯ މެޗްގައި ހަޒާޑަށް ކުޅެވޭނެ ކަމުގެ ފުރުސަތު ހަނިވެއްޖެއެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. އޭނާ ސްޕެއިން އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

112 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ހަޒާޑް ރެއާލަށް ބަދަލުވުމަށް ފަހު އަދި މިހާތަނަށް އޭނާގެ އެންމެ މޮޅު ކުޅުން ދައްކަން ވަނީ ނުކުޅެދިފައެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ކުރީކޮޅު ގިނަ މެޗުތަކެއް ހަޒާޑަށް ގެއްލުނުއިރު، އެނބުރި އައިސް ކުޅުނު މެޗުތަކުގައި ވެސް ފެނުނީ އަސްލު އޭނާގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނޫނެވެ. މިދިޔަ ސީޒަނުގައި ހަޒާޑް ރެއާލްގެ ޖާޒީގައި ފެނިފައިވަނީ ނިސްބަތުން މަދު މެޗުތަކެއްގައެވެ.

މި ހަފްތާގައި ރެއާލް ވަލަޑޮލިޑާ ދެލޮޅަށް ކުޅެން އޮތް މެޗްގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ ހަޒާޑް އަންނަނީ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތައްޔާރު ވަމުން ކަމަށެވެ. ހަޒާޑުގެ އަނިޔާއާ ބެހޭގޮތުން ޒިދާން އަންގާރަ ދުވަހު ދެއްކި ވާހަކަތައް ޕޮޒިޓިވްކޮށް އައި ނަމަވެސް ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ހަޒާޑްގެ އަނިޔާ ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ކްލަބުގެ މެޑިކަލް ޓީމުން ހަޒާޑްގެ ހާލަތު އިތުރަށް މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސްޕެއިންގެ ރިޕޯޓުތައް ބުނާގޮތުން ހަޒާޑް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން 20-25 ދުވަސް ނަގާނެ އެވެ. އެހެންކަމުން އަންނަ މަހުގެ 25 ވަނަ ދުވަހު ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކްލެސިކޯ މެޗަށް ހަޒާޑް ފިޓް ނުވެދާނެކަމަށް ބެލެވެއެވެ. ކްލެސިކޯގެ އިތުރުން ލީގުގެ ގިނަ މެޗުތަކާއި ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކެއް ވެސް ބެލްޖިއަމް ކުޅުންތެރިއާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތެވެ.