ޕްރިމިއަރ ލީގުގައި މުއްސަނދި ތާރީހެއް އޮތް އާސެނަލުން ބޭނުންކުރަމުންދާ މެސްކޮޓް ގަނާސޯރަސްގެ މުސާރަ ދެން ދޭނީ އޮޒިލް ކަމަށް އޭނާ ބުނެފިއެވެ.

އޮޒިލް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޓީމަށް ވަފާތެރި އަދި ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ މެސްކޮޓް ޓީމުން ދޫކޮށްލަން އުޅޭކަމަށެވެ. އަދި އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރިހައި ހިނދަކު މެސްކޮޓްގެ މުސާރަ ދޭނީ އޭނާކަމަށް އޮޒިލްގެ ޓްވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން އާސެނަލުން ވަނީ އެޓީމުގައި ފާއިތުވި 27 އަހަރުވަންދެން ބޭނުންކުރި މެސްކޮޓް ދޫކޮށްލުމަށް ނިންމާފައެވެ. މި ހަފްތާގައި އާސެނަލްގެ މެނޭޖްމަންޓުން ވަނީ މެސްކޮޓްގެ ވަޒީފާ އަދާކުރަމުންދާ ޖެރީ ކޫ، އޭނާގެ ހިދުމަތް ދެން ޓީމުން ބޭނުންނުވާކަމަށް ބުނެފައެވެ. ސަޕޯޓަރުން ނުވައްދާ މެޗްތައް ކުޅެން ޖެހުމުން މެސްކޮޓެއްގެ ބޭނުން ޓީމަށް ނުޖެހޭނެ ކަމަށާއި މިހާލަތުގައި ޖެރީގެ މުސާރަ ދެވެން ނެތް ކަމަށް ޓީމުގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

އާސެނަލްގެ އެންމެ ޝަރަފުވެރި އެއް ކޯޗު، އާސެން ވެންގާ ޓީމާ ހަވާލުވުމުގެ 3 އަހަރު ކުރިން 1993 ވަނަ އަހަރުގައި ޓީމް ޕްރޮމޯޓްކުރަން ބޭނުންކުރި ގަނާސޯރަސްގެ ސޫޓް ވެގެންގޮސްފައިވަނީ ސަޕޯޓަރުން ވަރަށް ގަޔާވި މެސްކޮޓަކަށެވެ.

ތިންފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލްގެ "ގޯލްޑަން އީރާ"ގައި ޓީމާއި އެންމެ ގާތުން ސަޕޯޓް ކުރަމުންދިޔަ މެސްކޮޓް ދޫކޮށްލުމަށް އާސެނަލުން ނިންމި ނިންމުމަކީ ވަރަށް މާޔޫސްކުރުވި ކަމެއް ކަމަށާއި މީ އާސެނަލުން ނިންމި ދެރަ ނިންމުމެއް ކަމަށް އެޓީމުގެ ލެޖެންޑްއެއް ކަމުގައިވާ ޕައުލް މާސަންވެސް ވަނީ ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއު އެއްގައެވެ.

މީގެ ދެ ދުވަސް ކުރިން މެސްކޮޓް ދޫކޮށްލަން އާސެނަލުން ނިންމިކަމުގެ އަޑުތައް ފެތުރުމާއެކު ސޯޝަލް މީޑިއާގައިވެސް މަޝްހޫރު ކުޅުންތެރިންނާއި އާންމު ސަޕޯޓަރުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޮޒިލްގެ މި ހުށަހެޅުމާއިއެކު ގިނަބަޔަކު ދަނީ އޭނާއަށް ތައުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާއަށް އޮޒިލް އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާގެ ކޮންޓްރެކްޓް އާކުރާނެ ކަމަކަށް ނުބެލެވެއެވެ. ކޮވިޑް-19ގެ ސަބަބުން ސީޒަން މެދުކަނޑާލާ އަލުން ސީޒަން ކުރިއަށް ގެންދަން ފެށިފަހުން ކޯޗް މިކޭލް އާޓެޓާގެ ޓީމުން އޮޒިލްއަށް ފުރުސަތު ދީފައެއް ނުވެއެވެ.