ގައިދުރުކަން ބަހައްޓައިގެން ސިނަމާތަކަށް ގޮސް ފިލްމު ބަލަން ހުއްދަ ދިން އިރު ސަޕޯޓް ކުރާ ޓީމު ކުޅޭ މެޗްތައް ބަލަން ހަމަ އެ ގައިޑްލައިންއަށް ތަބާވާގޮތަށް ދަނޑަށް ވަދެ ސަޕޯޓް ކުރުމުގެ ހުއްދަ އޮންނަން ޖެހޭނެ ކަމަށް ވެސްޓް ހަމް ޔުނައިޓެޑްގެ ވައިސް ޗެއާމަން ކެރެން ބްރޭޑީ ބުނެފިއެވެ.

ބްރޭޑީ ދަަ ސަންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބަންދު ކުރެވިފައިވާ ސިނަމާ އަކަށް ގައިދުރުކަން ބަހައްޓައިގެން ވިޔަސް ފިލްމް ބަލަން ވަދެވޭއިރު ފުޓުބޯޅަ ދަނޑުތައް ފަދަ ވައިދައުރުވާނެ ގޮތްތައް ހުރި ތަންތަނަށް މެޗު ބަލަން ދިއުމުގެ ހުއްދަ ނުދިނުމަކީ ބަލައިގަންނަށް ދަތި ހަމަނުޖެހޭ ކަމެއް ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމުން އިނގިރޭސި ވިލާތުގެ ސަރުކާރުން މިއަހަރުގެ މާޗް މަހު ވަނީ ގިނަ މީހުން ތަންތަނަށް އެއްވެ އުޅުން މަނާކޮށްފައެވެ. އަދި މިއަދާ ހަމައަށް އައިއިރު އެހެން ދާއިރާތައް މަޑުމަޑުން ހުޅުވާލާ ކުރިއައް ދެވޭނެ ގޮތް ގޮތް ހޯދަމުން ދާއިރު ހަމައެކަނި ކުޅިވަރުތަކަށް މިގޮތަށް ދަތިކުރުން މިއީ ވެސް ބަލައިގަންނަން ދަތިކަމެއް ކަމަށް ބްރޭޑީ ވަނީ ބުނެފައެވެ.

ބްރޭޑީ އިތުރަށް ބުނީ ސަޕޯޓަރުން ނެތި ކުޅެން ޖެހުމުގެ ހިތި ނަތީޖާ ހާއްސަކޮށް ބޮޑެތި ކްލަބްތަކުން ތަހައްމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މެންޗަސްޓަ ޔުނައިޓެޑް، މެންޗަސްޓަ ސިޓީ އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވުމުގެ އެއް ސަބަބަކަށް ވެސް ބްރޭޑީ ދެއްކީ އެޓީމުގެ ސަޕޯޓަރުންނަށް ޓީމަށް ހިތްވަރުދިނުމަށް ދަނޑަށް ނުވަދެވުމެވެ.

މީގެއިތުރުން ދަނޑުތަކައް އެއްވެސް ސަޕޯޓަރަކު ނުވެއްދުމުގެ ބަދަލުގައި ގައިދުރުކަން ބަހައްޓައިގެން، ލަންޑަން ސްޓޭޑީއަމް ފަދަ ބޮޑެތި ސްޓޭޑީއަމްތަކަށް މަދުވެގެން 15000 ސަޕޯޓަރުންނަށް ވަދެވެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ހަތަރު ސީޓު މޮނިޓަ ކުރަން އެއް އޮފިޝަލަކު ބައިންދައިގެން ކުރި ނަމަވެސް މީ ކުރަން އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި މާސްކް އެޅުން މަޖުބޫރުކޮށް ދަނޑު ތެރޭވެސް ސެނެޓައިޒް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާ ދެންވެސް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ވިޔަސް ސަޕޯޓަރުންނަށް މެޗުބަލަން ދަނޑަށް ވަދެވޭނެގޮތް ހަދަން ޖެހޭ ކަމަށް ބްރޭޑީ ވަނީ ބުނެފައެވެ. ޕްރިމިއަ ލީގުން ވަނީ މިދިޔަ ހަފްތާގައި ސަޕޯޓަރުން ވައްދައިގެން މެޗްތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި އިނގިރޭސިވިލާތުގެ ސަރުކާރަށް ރަސްމީކޮށް ސިޓީއެއްވެސް ފޮނުވައިފައެވެ.

އިނގިރޭސި ވިލާތުގައި ދަނޑުތަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ދީފައި ނެތް ނަމަވެސް ޔޫރަޕުގެ އެހެން ބައެއް ލީގު ތަކުގައި ގައިޑްލައިން ތަކެއް ހަދާ ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. އެގޮތުން މިހާރު ޖަރުމަނު ލީގު އަދި އިޓާލިއަން ލީގުގައި މެޗު ބެލުމަށް ސަޕޯޓަރުންނަށް ދަނޑަށް ވަދެވެއެވެ.