ޕްރިމިއާ ލީގުގައި ފަހުވަގުތު ޕުލިސިކް ޖެހި ލަނޑުން ޗެލްސީން 0-1 ގެ ނަތީޖާއަކުން ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް، ދެޓީމަށްވެސް ފުރަތަމަ ހާފްގައި ރަނގަޅު ހަމަލާއެއް އުފެއްދިފައިނުވާއިރު، ދެޓީމުގެ ޑިފެންސްވެސް ފެނިގެންގޮސްފައި ވަނީ ވަރަށް ވަރުގަދަކޮށެވެ.

ދެވަނަ ހާފު އެއްވެސް ބަދަލަކާ ނުލައި ދެޓީމުންވެސް ފަށާފައިވާއިރު، މި ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ އެޓޭކިން ފުޓުބޯޅައެކެވެ. ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ދެޓީމަށް މި ހާފްގައިވެސް ހިފުމަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ލުކާކޫއަށް ކުރި ފައުލަކާ ގުޅިގެން ވެސްޓްހަމްގެ ޑަވްސަންއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އަދި މި ފަުއުލާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ޖޯޖީނިއޯ ކުރިޔަށް ފޮނުވާލާފައިވާއިރު، ވެސްޓްހަމްގެ ކީޕަރު ފަބިއަންސްކީ ވަނީ މި ޕެނަލްޓީ ދިފާއުކޮށްފައެވެ.

ނަމަވެސް، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ވެސްޓްހަމްގެ ގޯލު ޗެލްސީން ވަނީ 90 ވަނަ މިނެޓުގައި ފޫ އަޅުވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކޮސް އެލޮންސޯގެ އެހީތެރިކަމާއެކު ޕުލިސިކްއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 32 މެޗުން ލިބުނު 65 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވެސްޓް ހަމް އޮތީ ކުޅުނު 34 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.