ފްރާންސްގެ ލިޔޯންއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ ޖެނުއަރީގައި އޮންނަ ޓްރާންސްފަރ ބާޒާރުގައި ސްޕެއިންގެ ބާސެލޯނާއަށް ގެންނަން އެ ޓީމުން ޝައުގުވެރިވެއްޖެ އެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ޑިިޕާއި ބޭނުންވާކަމަށް ބުނެފައެވެ. އަދި އޭނާއަކީ ޓީމަށް ބޭނުންތެރި ކުޅުންތެރިއަކަށް ވާނެ ކަމަށާއި ބާސާގެ ފޯވާޑް ލައިނަށް އިތުރު ފުރިހަމަކަމެއް ޑިޕާއިގެ ސަބަބުން ލިބިގެންދާނެ ކަމަށްވެސް ކޫމަން ބުންޏެވެ.

ނެދަލޭންޑްސްގެ ކުޅުންތެެރިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭތީ ގިނަ ބަޔަކު ދަނީ ބާސާގެ މިހާރުގެ ކޯޗު ކޫމަންއަށް ފާޑުކިޔަމުންނެވެ. ކޫމަން ބާސާއާއި ހަވާލުވީ ނެދަލޭންޑްސްގެ ޤައުމީ ޓީމު ދޫކޮށްލުމަށްފަހުގައެވެ. އެއާއެކު ނެދަލޭންޑްސް އިންވެސް ވަނީ ކޫމަންއަށް ފާޑުކިޔާފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިޔޯން އިން ދަނީ ޑިޕާއި ގެ ކޮންޓްރެކްޓް އާކުރަން ވާހަކަދައްކަމުންނެވެ. ނަމަވެސް އެ ކޮންޓްރެކްޓް އާކުރަން ޑިޕާއި ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނެދަލެންޑްސް ގައުމީ ޓީމަށް ކުޅޭ ޑިޕާއީ ގަންނަން ބާސެލޯނާ އިން ނިމިދިޔަ ސީޒަނުގައިވެސް މަސައްކަތްކުރި އެވެ. ނަމަވެސް ވިއްކާލަން އޭރު ލިޔޯން އިން ދެކޮޅުހެދި އެވެ.

މީގެކުރިން އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށްވެސް ޑިޕާއި ވަނީ ކުޅެފައެވެ. އޭނާ ލިޔޯން އާއި ގުޅުނީ 2017 ވަނަ އަހަރުގައެވެ. ލިޔޯންއަށް ބަދަލުވުމަށްފަހު ޑިޕާއި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލިޔޯނަށް ކުޅެދިން 144 މެޗުގައ އޭނާ ވަނީ 58 ލަނޑު ކާމިޔާބުކޮށްފައެވެ.