ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އިން ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

ރެއާލްގެ ރިޒާވް ޓީމްގެ ދަނޑުކަމަށްވާ އަލްފްރެޑޯ ޑި ސްޓެފަނޯ ގައި ކުޅުނު މި މެޗުގައި ޝަކްތާގެ ތިން ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ.

މިއީ 2000 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ ހާފުގައި ރެއާލްކޮޅަށް ޓީމަކުން ތިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގައި ޝަކްތާގެ ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނެޓުގައެވެ. ވިކްޓަރ ކޯނިއެންކޯ ވަރަށް ރީތިކޮށް ރެއާލްގެ ޑީފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ދިން ޕާހަކުން މުޅިން ހުސްކޮށް ހުރެ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓެޓޭއެވެ.

ޝަކްތާގެ ދެވަނަ ލަނޑަކީ ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ވަރާންގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޓެޓޭ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ކޯޓުއާ މަތަކުރިނަމަވެސް ރިބައުންސް ވެގެން އައި ބޯޅަ ކޯޓުއާ ވެއްޓިފައި އޮއްވާ ވަރާންގ3 ފައިގައި ޖެހިފައިވަނީ ގޯލްގެ ތެރެއަށެވެ.

ޓީމެއްގެ ގޮތުގައި ހަމަލާ އުފައްދަން މަސައްކަތްކުރަމުން ދަނިކޮށް ޝަކްތާއިން މެޗުގައި ޖެހި ފަހު ލަނޑު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓެޓޭ ދިން ރީތި ޕާހަކުން ކާމިޔާބުކުރީ މޭނޯ ސޮލޮމޮންއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމި ދެވަނަ ހާފް ފެށިގެން ރެއާލްގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރިތަން ފެނުނެވެ. އެޓޭކްތައް ވަރުގަދަ ކުރުމުގެ ގޮތުން ރެއާލްގެ ކޯޗް ޒިދާންވަނީ ޒުވާން ފޯވާޑް ރޮޑްރިގޯގެ ބަދަލުގައި އެޓީމަށް ކުޅޭ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާ ކުޅެން އަރުވާފައެވެ.

ރެއާލްއިން މެޗުގައި ޖެހި ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބެލޮންޑޯ އެވޯޑް ހާސިލްކޮށްފައިވާ އިތުބާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗްއެވެ. މި ލަނޑަކީ ޑީއޭރިއާގެ ވެސް ބޭރުގައި ހުރެފައި މޮޑްރިޗް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެޒިލްގެެ އުންމީދީ ފޯވާޑް ވިނީޝިއަސް ޖޫނިއާއެވެ. މިއީ ވިނިޝިއަސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިނެޓުގައި ޝަކްތާގެ މާލޮސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުގެ އިތުރު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ވިނީޝިއަސް ކާމިޔާބުކުރި ރީތި ލަނޑެކެވެ.

މެޗުގައި ރެއާލް އިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ބަދަލް ރެފްރީ ދެއްކި އިތުރު ވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ޓޯނީ ކްރޫޒް ނަގައިދިން ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލާ ފެޑެރިކޯ ވަލްވާޑޭ ރެއާލްގެ ތިންވަނަ ލަނޑު ޖެހިނަމަވެސް ވީއޭއާރް ބެލުމަށްފަހު ވަލްވާޑޭ އޮފްސައިޑުގައި ހުރިކަމަށް ބަލާ ރެފްރީ ވަނީ މިއީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މިއީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތަކުގައި މެންޗަސްޓަރ ސިޓީއާއި ވާދަކުރި ދެ ލެގުންވެސް ވީ ބައްޔާއެކު އެޓީމު ވިދިވިދިގެން ބަލިވި ތިންވަނަ މެޗެވެ. މިއީ 1986 ވަނަ އަހަރަށްފަހު ވިދިވިދިގެން ޗެމްޕިއަންސް ލީގުގައި ތިން މެޗުން އެޓީމު ބަލިވި ފުރަތަމަފަހަރުވެސް މެއެވެ.

މިގްރޫޕުގައި ރޭ އިޓަލީގެ އިންޓަރ މިލާނާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި ބައްދަލުކުރި މެޗުވަނީ 2-2 އިން އެެއްވަރުވެފައެވެ.

އިންޓާ މިލާނުން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮމެރޫ ލުކާކޫއެވެ. އަދި މޮންޗެންގްލަޑްބަކްގެ ފުރަތަމަ ލަނޑު ރެމީ ބެންސެބައިނީ ޕެނަލްޓީއަކުން ކާމިޔާބުކުރިއިރު ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯނަސް ހޮފްމަންއެވެ.

މި ނަތީޖާތަކާއިއެކު ލީގުގެ ގްރޫޕް ބީގެ އެއްވަނައިގައި ޝަކްތާ ޑޮނެޓްސްކްް އޮތް އިރު އެޓީމުގެ ފަހަތުން ދެން އޮތީ ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި އިންޓަމިލާނެވެ. ގްރޫޕުގެ ފުލުގައި އޮތީ ރެއާލް މެޑްރިޑެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕެނާލްޑޯ

    ޝަޚްތާރު މާމޮޅީއޭ މެޑްރިޑިއޮޓްސް ބޮލިހިލަން ދާށޭ ފަރަށް މަމެން މިބުނަނީ. ރެފްރީންނަށް ރިށްވަތު ދީގެން މިހާރަކު މޮޅެއް ނުވާނޭ.