ރޭ ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗަސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި ޗެލްސީއަށް ކުޅޭ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ދެއްކި މޮޅު ކުޅުމައް ޔުނައިޓެޑުގެ ޑިފެންޑަރު ލޫކް ޝޯ ތައުރީފުކޮށްފިއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުގެ ފަރާތުން 14 ހަމަލާއެއް އުފައްދާފައިވާއިރު ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ މެންޑީއެވެ. މެންޑީއަށް ތައުރީފްކުރަމުން ޝޯ ބުނީ ރޭގެ މެޗުގައި ޗެލްސީ ބަލިނުވެ އެއްވަރު ވުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ މެންޑީއަށް ކަމަށެވެ. މެޗަށްފަހު މީޑިއާ ތަކާވާހަކަ ދައްކަމުން ޝޯ ބުނީ ޔުނައިޓެޑުގެ ކުޅުން ރަނގަޅުކަމަށާއި އެޓީމުން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިކަމަށެވެ. އެހެންނަމަވެސް ހަމަލާތައް ކިތަންމެ ރަނގަޅުވެފައި އަދި ކިތަންމެ ގިނަވިކަމުގައިވީ ނަމަވެސް އިދިކޮޅު ޓީމުގެ ގޯލްކީޕަރުގެ ކުޅުން އެޔަށްވުރެ ރަނގަޅުވެއްޖެނަމަ ޓީމަށް ލަނޑެއް ކާމިޔާބުކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.

މެންޑީ ރޭގަ ދެއްކި މޮޅުކުޅުމަށް ޝޯގެ އިތުރުން ގިނަބަޔަކު ތައުރީފުކުރާއިރު ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑްވެސް ވަނީ މެންޑީއަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. ހާއްސަކޮށް މެޗު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑުގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ފޮނުވާލި ރީތި ހަމަލާ ދިފާއުކުރުމުން ލަމްޕާޑުވެސް ވަނީ މެޗުގައި ޗެލްސީ ބަލިނުވީ މެންޑީގެ ހުޝިޔާރުކަމުން ކަމަށް ބުނެފައެވެ.

އަދި މެންޑީ ޓީމަށް ގެނައީ އޭނާގެ ހުނަރުގެ ސަބަބުންކަމަށާއި ޓީމުގައި މެންޑީގެ މުހިންމުކަން އޭނާ އަމިއްލައަށް ސާބިތުކޮށްދީފިކަމަށްވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

މީގެކުރިން މިސީޒަނުގައި ޗެލްސީން އިތުރު ދެ ކީޕަރެއް ބޭނުންކުރި ނަމަވެސް އެޓީމު ކޮޅަށް ވަދެފަހުރި ގިނަ ލަނޑުތަކެއް ވަދެފައިވަނީ ކީޕަރުންގެ ފަރުވާކުޑަކަމުންނެވެ. އެގޮތުން މީގެ ކުރިން އެޓީމުގެ ގޯލް ބެލެހެއްޓި ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ހެދި ޗެލްސީއަށް ބައެއް މެޗުތަކުގައި ތިންޕޮއިންޓް ގެއްލިފައިވެސް ވެއެވެ.

ރޭގެ މެޗުން އެއްވަރުވެ ލީގުގެ ގަދަ 10 އަށް އެރުމަށް ޔުނައިޓެޑަށް މިވަގުތައް ގެއްލިފައިވާއިރު އެޓީމު އޮތީ ކުޅުނު ފަސްމެޗުން 7 ޕޮއިންޓާއިއެކު ތާވަލްގެ 15 ވަނައިގައެވެ. ޗެލްސީ އަށް ހަމެޗުން 9 ޕޮއިންޓް ލިބި އޮތީ ތާވަލްގެ 6 ވަނައިގައެވެ. މިމަހުގެ 28 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ރަޝިއާގެ ކްރަސްނޮޑަރާއި ދެކޮޅަށް ޗެލްސީ ނުކުންނައިރު ޔުނައިޓެޑް އޭގެ އެއްދުވަސްފަހުން ނުކުންނާނީ ޖަރުމަނުގެ ލިޕްޒިގާއި ދެކޮޅަށެވެ.