ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އޭނާއާއި މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި މެޗުތަކުން ފުރުސަތު ނުދޭކަމަށްބުނެ އެޓީމަށް ކުޅެމުން އަންނަ 28 އަހަރުގެ މިޑްފީލްޑަރ އިސްކޯ، ޒިދާންއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މަލާގާއިން ރެއާލްއަށް، އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައި ބަދަލުވި އިސްކޯ އަކީ ރެއާލާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާ އެޓީމަށް މުހިންމު އެތައް ލަނޑެއް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެކެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރު އަލުން އެޓީމުގެ ކޯޗުކަމާއި ޒިދާން ހަވާލުވިފަހުން ޓީމުން އިސްކޯއަށް ލިބޭ ފުރުސަތުތައް މަދުވެ ގިނަވަގުތު ބެންޗުގައި ހޭދަކުރަން ޖެހިފައިވެއެވެ.

މިސީޒަނުގައިވެސް ޒިދާންގެ ޓީމުން އިސްކޯއަށް ފުރުސަތު ލިބިފައިވަނީ ޖުމްލަ ހަތަރު މެޗުގައެވެ. އޭގެ ތެރެއިން 2 މެޗުގައި އޭނާ ކުޅެން އަރާފައިވަނީ ބަދަލްކުޅުންތެރިއެއްގެ ގޮތުގައެވެ. އެންމެ ފަހުން އެޓީމު ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗާއި ލީގުގައި ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައިވެސް އިސްކޯ ފެނިގެންގޮސްފައެއް ނުވެއެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޒިދާންއަށް ފާޑުކިޔަމުން އިސްކޯ ބުނީ، ޒިދާން ހުންނަނީ އޭނާއާއި ކޮންމެވެސް ވަރަކަށް ޒާތީވެފައިކަމަށާއި ފުރަތަމަ 11 އިން ޖާގަދިންކަމުގައިވިޔަސް މެޗުގެ 50 ވަނަ މިނެޓުގައި ނުވަތަ 60 ވަނަ މިނެޓާ ހަމައިން އޭނާ ބަދަލުކުރާނެކަމަށެވެ. އަދި ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވިކަމުގައިވީނަމަވެސް އެންމެ އަވަސްވެގެންވެސް އޭނާއަށް މެޗުގައި ފުރުސަތު ދޭނީ މެޗުނިމެން ދިހަވަރަކަށް މިނެޓަށްވީމާކަމަށްވެސް އިސްކޯވަނީ ބުނެފައެވެ.

ފާއިތުވި ހަތްއަހަރު އިސްކޯ ރެއާލްއާއިއެކު ހޭދަކޮށްފައިވާއިރު އެޓީމަށް 5 ކޯޗަކު އިރުޝާދުދީފައިވެއެވެ. ބައެއް ކޯޗުން އިސްކޯގެ ބޭނުން ވަރަށްގިނައިން ކުރަމުން ދިޔަނަމަވެސް އިސްކޯއަކީ ބޮޑަށް އެޓޭކިންގް ކުޅުންތެރިއަކަށްވެފަ އޭނާގެ މަގާމަށް ކުޅޭ އިތުރު ކުޅުންތެރިންނަކީ އެޓޭކިންގް އަދި ޑިފެންސިންގް ވެސް ހަމަހަމަ ކުޅުންތެރިންނަށް ވުމުން ވަކިހިސާބަކުން އިސްކޯއަށް ފުރުސަތު ލިބުން މަދުވަމުންދެއެވެ. އަދި ވޭތުވި 7 އަހަރު އިސްކޯއަށް މެޗެއްގައި 90 މިނެޓު ކުޅެވިފައިވަނީ އެންމެ ހަމެޗުގައެވެ.

އިސްކޯއަކީ 2013 ވަނަ އަހަރު ކާލޯ އެންޗެލޯޓީ ކޯޗުކަމުގެ މަގާމާއި ހަވާލްވިފަހުން ރެއާލްއިން އެންމެ ފުރަތަމަ އެޓީމަށް ގެނައި ކުޅުންތެރިއާއެވެ. 21 އަހަރުގެ އިސްކޯގެ ސޮއެ ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މަސައްކަތްކުރަން ފެށީ 2012 ވަނަ އަހަރުގެ "ގޯލްޑަން ބޯއި"ގެ އެވޯޑް އޭނާ ހޯދި ހިސާބުންނެވެ. ރެއާލްއިން އިސްކޯގެ ސޮއެ ހޯދީ 30 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައެވެ.