ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އުމުރުން 50 އަހަރުގެ އިންފަންޓީނޯ ކޮވިޑް-19 އަށް ފައްސިވިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު ފީފާއިން ނެރުނު ބަޔާނެއްގައެވެ.

ފީފާގެ މި ބަޔާނުގައިވާ ގޮތުން އިންފަންޓީނޯ މިވަގުތު ހުރީ އޭނާގެ އާއިލާއާއި ވަކިން އެކަހެރިވެގެންނެވެ. އަދި އޭނާގެ ކިބައިން ފެންނަން ހުރީ ބަލީގެ ކުދި އަލާމާތްތައް ކަމަށްވެސް ފީފާއިިން ނެރުނު މި ބަޔާނުގައި ބުނެފައިވެއެވެ. އިންފަންޓީނޯ އެކަހެރިވެގެން ހުންނާނީ އެންމެ މަދުވެގެން 10 ދުވަހަށް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އިންފަންޓީނޯ ކޮވިޑް-19 އަށް ފައްސިވިއިރު ދުނިޔޭގެ އެންމެ މަޤްބޫލު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ އެ ބައްޔަށް ފައްސިވުމާއެކު އެކަހެރިކޮށްފައެވެ.

ފީފާގެ ރައީސްކަމުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އިންފަންޓީނޯއަށް ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ސުވިޓްޒަލޭންޑްގެ ޕްރޮސެކިއުޓަރުން ވަނީ ރަސްމީކޮށް އިންފަންޓީނޯއާ ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާތުވެފައިވާ ކަމަށް ބުނެފައެވެ.

އިންފަންޓީނޯއަށް ކުރެވެނީ ސްވިޓްޒަލެންޓްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާ އާއެކު ސިއްރުު ބައްދަލުވުންތަކެއް ބޭއްވި ކަމުގެ ތުހުމަތެވެ، އެހެން ނަމަވެސް ލޯބާވެސް އަދި އިންފަންޓީނޯވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން މިކަމާ ގުޅިގެން ބުނެފައިވަނީ މިބައްދަލުވުންތަކަކީ ރަސްމީ ކަންކަމުގައި ބޭއްވި ބައްދަލުވުންތަކެއް ކަމުގައެވެ. އަދި ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެއްވެސްކަމެއް މި ބައްދަލުވުންތަކުގައި ނުހިމެނޭނެ ކަމަށާއި ތަހުގީގެއް ކުރަންޖެހޭ އެއްވެސް ކަމެއް އިދާރާގެ ރައީސްވެސް އަދި އިދާރާއިންވެސް ކޮށްފައި ނުވާނެކަމަށެވެ.

ފީފާގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އިންފަންޓީނޯ ހޮވިފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ.