ހުސްވެފައިވާ ބާސެލޯނާގެ ބޯޑަށް މެމްބަރުން އައްޔަނުކުރުމަށް ބާއްވާ އިންތިޚާބު މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު ބޭއްވުމުގެ މަސައްކަތް އެ ކުލަބުން ފަށައިފިއެވެ.

ބާސެލޯނާގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި މިހާރު މަސައްކަތްކުރަނީ މި މުއްދަތުގެ ތެރޭގައި ކުލަބު ހަމަޔަކަށް އެޅުވުމަށް ކަމަށެވެ.

ބާސާގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މީގެކުރިން ތާވަލުކުރި ނަމަވެސް، އޭގެކުރިން އިންތިޚާބު ބާއްވަން ޖެހުނީ ބާސާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓެމޮއު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. ބާޓެމޮއު އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުގައެވެ.

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުލަބުގެ އައު އިންތިޚާބު ކުރިއަށް އޮތް ތިން މަހުގެ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭނެއެވެ. ބާޓޮމެއޫ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި ވަނިކޮށެވެ.

ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވަނީ 16,520 މީހުންގެ ސޮޔެވެ. އެހެންކަމުން ބާޓެމޮއުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާވަރަށް ސޮއި ހަމަވިކަން ބާސާއިން މީގެ ކުރިން ހާމަކުރިއެވެ.