ހުސްވެފައިވާ އާސެނަލްގެ ކޯޗުކަމުގެ މަގާމަށް ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން އުނާއި އެމެރީ ހަމަޖައްސައިފިއެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ 22 އަހަރަށްފަހު އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން އާސެން ވެންގާ ދުރަށް ދިޔުމާ ގުޅިގެންނެވެ.

އާސެނަލްގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމަށްފަހު އެމެރީ ބުނީ އާސެނަލްގެ ތާރީހުގެ މުހިއްމު ސޮފްހާއެއް ފަށަން އޭނާއާއި ހަވާލުކުރި ޒިންމާ އަދާކުރަން ވަރަށް ބޮޑަށް ޝައުގުވެރިވެފައި ހުރި ކަމަށާއި އާސެނަލް ދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް ވެސް ހާއްސަ ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އާސެނަލް ފަދަ މޮޅު ޓީމަކާއި ގުޅުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރަން. އާސެނަލް ބޮޑަށް މަޝްހޫރު ވެފައި އޮންނަނީ އެ ކްލަބުގެ ކުޅުމުގެ ސްޓައިލާއި ޒުވާން ކުޅުންތެރިންނަށް ބަހައްޓާ އަހައްމިއްޔަތު ކަމާއި މި ކްލަބުގެ ސްޓޭޑިއަމާއި އަދި މި ކްލަބު ހިންގާ ގޮތުގެ މައްޗައް. އާސެނަލްގެ ތާރީހުގެ މުހިއްމު ސޮފްހާއެއް ފަށަން އަހަންނާއި ހަވާލުކުރުމުން އެކަމާ ވަރަށް ބޮޑަށް ޝައުގުވެރިވޭ" ސްޕެއިން އުފަން އެމެރީ ބުންޏެވެ.

އެމެރީ އެންމެފަހުން މަސައްކަތް ކުރީ ޕީއެސްޖީގައި ކަމަށްވާއިރު އޭނާ ވަނީ އެ ކްލަބުގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކޮށްފައެވެ.

އެމެރީގެ ފުރަތަމަ ސީޒަނުގައި ޕީއެސްޖީ އިން ދަށް ނަތީޖާތަކެއް ނެރުނުއިރު ފްރެންޗް ލީގު ވެސް އެ ކްލަބަށް އެފަހަރު ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އެފަހަރު ފްރެންޗް ލީގު ކާމިޔާބުކުރީ މޮނާކޯ އިންނެވެ. ނަމަވެސް ޕީއެސްޖީ އިން ނިމިގެންދިޔަ ސީޒަނުގައި ވަނީ ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕް އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގެ އިތުރުން އެމެރީ މީގެކުރިން ވަނީ ސްޕެއިންގެ ސެވިއްޔާގައި ވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބުގައި ހޭދަކުރި މުއްދަތުގައި އެމެރީ ވަނީ ޖެހިޖެހިގެން ތިން ފަހަރު ޔޫރޮޕާ ލީގު ސެވިއްޔާ އަށް ކާމިޔާބުކޮށްދީފައެވެ.