ވޭލްސްއިން ކުރިޔަށް ތާވަލުކޮށްފައިވާ އެކުވެރިކަމުގެ މެޗުތަކާއި ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި ޓޮޓެންހަމްގެ ތަރި ގެރެތް ބޭލް ހިމަނައިފިއެވެ.

އަނިޔާގެ މައްސަލަ ބޮޑު ބޭލް ވަނީ މީގެކުރިން މިދިޔަ ސެޕްޓެމްބަރު މަހު ވޭލްސްގެ ފަރިތަކުރުންތަކުގެ ތެރެއިން އަނިޔާވެފައެވެ. އޭނާ ރެއާލް ދޫކޮށް ޓޮޓެންހަމާއި ގުޅުނުއިރުވެސް އަނިޔާއން އެއްކޮށް ރަނގަޅެއް ނުވެއެވެ. މި އަނިޔާއާއ ގުޅިގެން ވޭލްސްގެ މުހިއްމު މެޗުތަކެއް އޭނާއަށް ގެއްލުނެވެ.

އެ އަނިޔާއިން ރަނގަޅުވެ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭލް ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ބްރައިޓަން އަތުން 2-1 ން ޓޮޓެންހަމް މޮޅުވި މެޗުގައި ބޭލް ވަނީ ގޯލެއް ޖަހާފައެވެ. އޭނާ ދަނީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުންނެވެ.

ވޭލްސްގެ ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން މި މަހު 12 ވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާއާ ވޭލްސް ބައްދަލުކުރާނެއެވެ. އަދި އެއަށްފަހު ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ދެކޮޅަށްވެސް ވޭލްސް ނުކުންނާނެއެވެ. މި މެޗުތަކުން ބޭލްއަށް ވަނީ ފުރުސަތު ދީފައެވެ.

މި ތިން މެޗާ ކުރިމަތިލާއިރު، ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ސުވާލުކުރަމުންދާތީ ވޭލްސްގެ ކޯޗުގެ މަގާމުން ރަޔާން ގިގްސް ވަނީ އެކަހެރިކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހު ވޭލްސްއިން ކުޅެން ހަމަޖެހިފައި އޮތް ތިން މެޗުގައިވެސް ގިގްސް ޓީމަށް އިރުޝާދު ނުދޭނެ ކަމަށެވެ. ނަމަވެސް ގިގްސް ވަނީ މި ތުހުމަތުތަށް ދޮގުކޮށްފައެވެ. އަދި މިއީ އޭނާގެ އަގު ވައްޓާލުމަށް ބަޔަކު ކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.