ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ، ޔޫރަޕް ފަހު ޖާގަ ޔޫކްރެއިން 0-1 ގެ ނަތީޖާއިން ބަލިކޮށް، ވޭލްސް އިން ހޯދައިފިއެވެ.

ކާޑިފް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޔޫކްރެއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ވޭލްސްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ޔޫކްރެއިންއަށް ނުހިފި އުޅެނިކޮށް، 34 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ޔޫކްރެއިންގެ ޔަރްމޮލެންކޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑާއެކު ޔޫކްރެއިން ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތައް ކުރި ނަމަވެސް، ފުރަތަމަ ހާފް ނިމިފައިވަނީ 0-1 ގެ ނަތީޖާއަކުން ޔޫކްރެއިންގެ މައްޗަށް ވޭލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޔޫކްރެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، މުޅި ހާފް ކޮންޓްރޯލްކޮށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ދެވަނަ ހާފްގައި ޔޫކްރެއިންއަށް ވަނީ ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައި ވޭލްސްއިން އޮފް ޓާގެޓް ތިން ޝޮޓެއް ހަދާފައިވާއިރު، އެޓީމުން އޮން ޓާގެޓަށް ހަދާފައި ވަނީ ތިން ޓޮޓެވެ. ވޭލްސްއާ ހިލާފަށް ޔޫކްރެއިން އިން އޮފް ޓާގެޓަށް 8 ޝޮޓް ހަދާފައިވާއިރު، ނުވަ ޝޮޓް އޮން ޓާގެޓަށް އެޓީމުން ވަނީ ހަދާފައެވެ.

މި ނަތީޖާއާއެކު 1958 ވަނަ އަހަރު ފަހުން ވޭލްސް ވޯލްޑް ކަޕަށް ކޮލިފައި ވެފައިވާއިރު، އެޓީމު ހިމެނޭނީ ގްރޫޕް ބީގައެވެ. އެޓީމާއެކު ގްރޫޕް ބީގައި ހިމެނެނީ އިންގްލޭންޑް، އިރާން އަދި އެމެރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަހީކޮށްހެން މިހިރި ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން މެޗް ނުކުޅެ ވޯލްޑްކަޕް ޖާގައެއް ތަބަކަކަށް ލާފަ ޔޫކްރޭނަށް ވެދުންކުރާނެ ކަމަށް. އެހެނެއްނޫން މިވީކީ.

    5
    1