ވޯލްޑް ކަޕް ކޮލިފައިންގައި ނިއުޒިލޭންޑް 0-1 ގެ ނަތީޖާއަކުން ބަލިކޮށް، ވޯލްޑް ކަޕްގެ ފަހު ޖާގަ ކޮސްޓަރިކާ ހޯދައިފިއެވެ.

މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި ކޮސްޓަރިކާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮއެލް ކެމްޕްބެލްއެވެ. މި ލަނޑާއެކު ނިއުޒިލޭންޑް އިން ދިޔައީ ކޮސްޓަރިކާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ކޮސްޓަރިކާގެ ވަރުގަދަ ޑިފެންސް ލައިން ފޫ އަޅުވާލައި ނަތީޖާ ހަމަހަމަ ކުރަން ނިއުޒިލޭންޑްއަށް ވަނީ އުނދަގޫ ކަމަކަށްވެފައެވެ. މިގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެޓީމަށް ލިބުނު އިރު، އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފަށް ނިއުޒިލޭންޑް އިން ބަދަލުތަކެއް ގެނެސް، އެޓޭކްތައް ވަރުގަދަކުރިއެވެ. ނަމަވެސް އޭގެއިން ކުރި އަސަރާއެކުވެސް ނަތީޖާ ހަމަހަމަ ކުރަން ނިއުޒިލޭންޑް ވަނީ ނުކުޅެދިފައެވެ. އަދި ކޮސްޓަރިކާ ވަނީ މެޗު ނިމެންދެން ލީޑުގައި އޮވެ ނިންމާލަން ހިތްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު މި އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮސްޓަރިކާ ކޮލިފައިވެފައިވާއިރު، އެޓީމު ހިމެނޭނީ ސްޕެއިން، ޖަރުމަން އަދި ޖަޕާންއާއެކު ގްރޫޕް "އީ" ގައެވެ.

ކޮސްޓަރިކާ ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2014 ވވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ވާދަކޮށްފައެވެ. މިގޮތުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކޮސްޓަރިކާ ކެޓިއިރު، ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާ ހިސާބަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ.