އާދަޔާ ހިލާފް ގޮތަކަށް 12 ވަނަ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލް މެޗު ކާމިޔާބު ކޮށް، ކްރިކެޓުގެ ރަސްކަމަށް އިނގިރޭސި ވިލާތުން އަރައިފިއެވެ.

މި އަހަރުގެ މުބާރާތް އިންގްލޭންޑާއި ވޭލްސްގައި ބާއްވާފައި ވާއިރު، ފައިނަލް މެޗު ކުޅެފައި ވަނީ އިންގްލޭންޑުގެ ލޯޑްސް ސްޓޭޑިއަމްގައެވެ. އެ ގައުމުގެ އެތައް ހާސް ސަޕޯޓަރުން ތަކެއްގެ ކުރިމަތީގައި ނިއުޒިލޭންޑާއި ދެކޮޅަށް ކުޅުނު މި މެޗުގެ ނަތީޖާ އެއްވަރު ވުމުން، އިތުރަށް ކުޅުމުން ސުޕޯ އޯވަރުގައި ވެސް ވަނީ އެއްވަރު ވެފައެވެ.

ރޭގެ މެޗުގައި ދެ ޓީމަށްވެސް 50 އޯވަރު ކުޅެ ނިމުނު އިރު ހެދުނީ 241 ލަނޑެވެ. ސުޕަ އޯވަރުގައި ދެ ޓީމުންވެސް ވަނީ 15 ލަނޑު ހަދާފައެވެ. އެހެންކަމުން ދެން މޮޅުވާ ޓީމެއް ބެލުމަށްޓަކައި ވަނީ ބައުންޑަރީ ކައުންޓެއް ނަގައިފައެވެ.

ބައުންޑަރީ ކައުންޓަކީ އެންމެ ގިނައިން ހަޔަކާއި ހަތަރަކަށް ޖަހާފައިވާ ޓީމެއް ބެލުމެވެ. މިގޮތަށް ބެލި އިރު، ސުޕާ އޯވަރު ނުލައި އަސްލު މެޗުގައި ބައުންޑަރީ ކައުންޓުން އިންގްލޭންޑަށް ކުރި ލިބުމުން އެ ގައުމުން މިވަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ކްރިކެޓުގެ ރަސްކަމަށް އަރައިފައެވެ.

އިންގްލޭންޑުން މި މުބާރާތް ކާމިޔާބު ކުރުމާއި ގުޅިގެން އެ ގައުމުގައި ވަރަށް ކުލަގަދަ ކޮށް މި ކާމިޔާބީ އަންނަނީ ފާހަގަ ކުރަމުންނެވެ.