ދެހާސް ތިރީސް ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން އާޖެންޓީނާއާއި ޗިލީގެ އިތުރުން ޕެރަގުއޭ އަދި އުރުގުއޭ އެކުވެގެން ޖޮއިންޓް ބިޑެއް ކުރަން ނިންމައިފިއެވެ.

ވޯލްޑް ކަޕް ބޭއްވުމަށް އުރުގުއޭއީންވެސް އެ ބައްރުގެ ގައުމުތަކާ ގުޅުމަށް ނިންމާފައިވާ އިރު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ އަހަރަށެވެ. އެ ވޯލްޑް ކަޕް ކާމިޔާބުވެސް ކުރީ އުރުގުއޭއިންނެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، އިންގްލެންޑާއި، ބްރިޓިޝް އެހެން ގައުމުތައް ހިމެނޭ ގޮތަށް ވޯލްޑް ކަޕް ބާއްވަން ބިޑްކުރަން ތައްޔާރު ކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާޖެންޓީނާއި ޕެރަގުއޭ އަދި އުރުގުއޭވެސް ޖޮއިންޓް ބިޑަށް ތައްޔާރުވާކަން 2017 ވަނަ އަހަރު އިއުލާން ކުރި އިރު، ޗިލީ ގުޅެން ނިންމީ މިދިޔަ ހަފްތާ ތެރޭގައެވެ.

ދެކުނު އެމެރިކާގައި އެންމެފަހުން ވޯލްޑް ކަޕް ބޭއްވީ 2014 ވަނަ އަހަރު ބްރެޒިލްގައެވެ. އެންމެފަހުން ޗިލީގައި ވޯލްޑް ކަޕެއް ބޭއްވީ 1962 ވަނަ އަހަރުއެވެ.