ހދ. ހަނިމާދޫގައި ބޭއްވޭ ވޮލީ މުބާރާތަކަށް ކުޅުންތެރިންނާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑުއަޑީގައި ބާއްވާ އެރަށުގައި މުޅިން އަލަށް އުފެދިގެން އައި ޓީމް ޓޮނާ ނަމަކަށް ކިޔާ ޓީމުން ތަފާތު ދައްކައިފިއެވެ.

ހަނިމާދޫގައި ބޭއްވޭ ހެޕީ މާކެޓް ވޮލީ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ މިޓީމު ކަނޑު އަޑީގައި ޖާޒީ ދިނުމުގެ ރަސްމިއްޔާތު ބޭއްވިއިރު މިއީ އަދި އަލަށް ޓީމަކުން ކުރިކަމެއް ކަމަށް ބެލެވެއެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން ޓީމް ޓޮނާގެ ކެޕްޓަން މުހަންމަދު ސިނާން ބުނީ މިފަދަ ތަފާތުކަމެއް ކުރުމުގެ މަގުސަދަކީ މުޅިން އަލަށް ޓީމު މުބާރާތެއްގައި ބައިވެރިވާއިރު ޗެމްޕިއަންކަން ނުލިބުނު ކަމުގައި ވިޔަސް މުބާރާތުގެ އެންމެ ތަފާތު ޓީމުގެ ގޮތުގައި އެންމެންވެސް ހަނދާން ހުންނާނެ ޓީމުގެ ގޮތުގައި ވުންކަމުގައެވެ. އަދި ޖުމްލަ 10 ޓީމު މިމުބާރާތުގައި ބައިވެރިވާއިރު މީހުންގެ ހިތްތަކުގައި މުބާރާތުގެ އެންމެ ތަފާތު ޓީމުގެ ގޮތުގައި ހަރުލެއްވުމުގެ އިތުރުން މުބާރާތުގެ ވާދަވެރިކަމުގެ ތެރޭގައި އުޅޭއިރު ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެކުވެރި މަޖާ މާހައުލެއް ޓީމުގެ ކުޅުންތެރިންގެ މެދުގައި ބޭއްވުން ކަމަށެވެ.

ޓޮނާ ޓީމުގެ 7 ކުޅުންތެރިންނާއި ކޯޗާއި އެކު ކަނޑު އަޑީގައި މިހަފްލާ ބޭއްވުމަށް ވިސްނާ މިކަން އިންތިޒާމު ކުރީ ޓީމުގެ ކެޕްޓަން ސިނާނެވެ. އަދި ކަނޑު އަޑީގައި މިތާރީހީ ހަފްލާގެ ވީޑިއޯ ކުރުމާއި ފޮޓޯނެގީވެސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސިނާނެވެ. ޓީމުގެ ޖާޒީ ފަރުމާކޮށް ޖާޒީ ހަވާލުކުރުމުގެ ހަފްލާގައި ސިނާން ނެގި ވީޑިއޯތަކާއި ފޮޓޯތައް އެޑިޓް ކުރީ އެޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ ފިރާގް މުހަންމަދެވެ.

"ޓީމެއް ހަދައިގެން އުޅޭއިރު ހަމައެކަނި ބޭނުމަކަށް ވާންވާނީ މުބާރާތްތަކުގައި ބައިވެރިވެ މެޗުތަކެއް ކުޅުމެއް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުގައި މަޖާ ވަގުތުތަކެއް ހޭދަކޮށް ޓީމާއެކު މިކަހަލަ ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ކަހަލަ ކަންތައްތަކެއް ކުރުމުން ދަނޑު މަތީގައި ކުޅެން ތިބޭއިރު އޮންނަ ގުޅުން ރަނގަޅުވާނެ". ޓީމެއްގެ ގޮތުގައި ދަނޑުން ބޭރުގައިވެސް ގުޅުންބަދަހި ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން ވާހަކަދައްކަމުން ސިނާން ބުންޏެވެ.

ސިނާން ބުނިގޮތުގައި ކާމިޔާބީތަކެއް ހޯދަން މުބާރާތުގައި ބައިވެރިވި ނަމަވެސް ޗެމްޕިއަންކަން ނުލިބުނު ކަމުގައި ވީނަމަވެސް އަބަދުވެސް ޓޮނާ އެފްސީ ފެނިގެން ދާނީ ތަފާތު ކަންތައްތަކެއް ކުރާ ތަފާތު ޓީމެއްގެ ގޮތުގައި ކަމަށެވެ.