ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު ޕަނީ ގާލްސް ކާމިޔާބުކުރިއިރު އަވައްޓެރިން އަދި އެމްއެމްއެސް މެޗު އެއްވަރުވެއްޖެ އެވެ.

ހަވީރު ކުޅުނު މެޗު ޕަނީ ގާލްސް ކާމިޔާބުކުރީ ކޭޖީ ގާލްސްގެ މައްޗަށް 10-2 އިން ކުރިހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕަނީ ގާލްސްގެ އަފްނާން އަހުމަދު އަފްރާހު އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އަވައްޓެރިން އަދި އެމްއެމްއެސް އެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެމްއެސް ގެ އިމްޝާ އިސްމާއީލްއެވެ.

ޖުމްލަ 13 ޓީމާއެކު ބާއްވާ މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ޗަކުލީ ގާލްސް، ކުރިމަގު، ސްޓެއިން، ކުލަބް ކްލަސްޓަރ އަދި އަލް ނިސާ އެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކޭޖީ ގާލްސް، ޕަނީ ގާލްސް، ސްޓޫޑިއޯ ގާލްސް، އަދި މެޑްރިޑް ގާލްސް އެވެ. މީގެއިތުރުން ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ޓީމު އަވައްޓެރިން، އެމްއެމްއެސް، ކަނބަލުން އަދި ކަންމަތި ޓީމެވެ. މިއީ އެ ރަށުގައި އަންހެނުންނަށް ހުޅުވާލައިގެން އެމްއެމްއެސް އިން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ.

މިމަހުގެ 25 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޓެއިން އާއި ކުލަބް ކްލަސްޓާ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްޓޫޑިއޯ ގާލްސްއާއި މެޑްްރިޑް ގާލްސް އެވެ.