އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ އާއި ވޮލީބޯޅަ ޓީމުތަކަށް ސެމީ ފައިނަލުން ޖާގަ ނުލިބި ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި ވާދަކުރި ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމުން ގްރޫޕް ސްޓޭޖުގައި އިއްޔެ ކުޅުނު ތިންވަނަ މެޗުން މަޑަގަސްކަރަ އަތުން ބަލިވީ 23-42 އިންނެވެ. އޭގެކުރީން، ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 43-32 އިން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުން މޮރިޝަސް އަތުން ބަލިވީ 28-21 އިންނެވެ.

މި އިވެންޓްގެ އަންހެން ބައިގައި ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން 45-8 އިން ބަލިވިއިރު، ދެވަނަ މެޗުގައި މަޔޯޓް އަތުން ބަލިވީ 32-16 އިންނެވެ.

މި ގޭމްސްގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި އިއްޔެ މަޑަގަސްކަރަ އަތުން 3-1 ސެޓުން ބަލިވިއިރު، އެ މެޗުގެ ސެޓުތައް ފަހަތުންއަރައި މަޑަގަސްކަރަ ގެންދިޔައީ 20-25، 25-19، އާއި 25-20 އަދި 25-21 އިންނެވެ.

ފިރިހެން ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ރީޔޫނިއަން އަތުން ބަލިވީ ވެސް 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރީޔޫނިއަން އިން ކާމިޔާބުކުރީ 25-18، 29-27، އާއި 19-25 އަދި 25-22 އިންނެވެ.

އަންހެން ވޮލީ ޓީމު ވެސް ގްރޫޕް ސްޓޭޖުން ކެޓީ ކުޅުނު ދެ މެޗުން ބަލިވެގެންނެވެ. މި ދެ މެޗުގައި ވެސް ރާއްޖޭގެ އަންހެން ވޮލީ ޓީމަށް ސެޓެއް ހޯދިފައެއްނުވެއެވެ. ފުރަތަމަ މެޗުގައި މޮރީޝަސް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، އެ މެޗުގެ ސެޓުތައް މޮރީޝަސް ކާމިޔާބުކުރީ 25-11، 25-16 އަދި 25-20 އިންނެވެ. އަދި ދެވަނަ މެޗުގައި ސީޝެލްސް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ފަހު ދެ ސެޓުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެ މެޗުގެ ސެޓުތައް ސީޝެލްސް ގެންދިޔައީ 25-12، 25-21 އަދި 25-18 އިންނެވެ.