ފީފާ ކުލަބު ވޯލްޑް ކަޕް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކުރަން ނިންމާފައިވާކަން ފީފާއިން ހާމަކޮށްފިއެވެ.

މި މުބާރާތް ކުރިން ބާއްވަން ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހު ގަތަރުގައެވެ. ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ފީފާއިން ނިންމީ މުބާރާތް ފަސްކުރުމަށެވެ.

މުބާރާތް ކެންސަލްކުރުމާއި ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1-11 ށް ގަތަރުގައި މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށާއި ހާލަތު ބަދަލުވާ ގޮތަކުން ތާރީހަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކުލަބް ވޯލްޑްކަޕަށް މިހާތަނަށް ކޮލިފައިވެފައިވަނީ ދެ ޓީމެކެވެ. އެއީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިއުނިކާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުގެ ލީގު ޗެމްޕިއަން އަލް ދުހައިލެވެ.

މިދިޔަ އަހަރު ފީފާއިން ވަނީ ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުލަބު ވޯލްޑް ކަޕުގެ ފޯމެޓަށް އަލަށް ގެނައި ބަދަލާއެކު، މި މުބާރާތް ދެން ބާއްވާނީ 24 ޓީމާއެކު ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރުއެވެ. މީގެކުރިން މުބާރާތް ބާއްވަމުން އައީ ކޮންމެ ބައްރެއްގެ ޗެމްޕިއަން ޓީމުގެ މެދުގައެވެ.

ކުލަބު ވޯލްޑް ކަޕުގެ އާ ފޯމެޓާއެކު ފުރަތަމަ މުބާރާތް އަންނަ އަހަރު ޗައިނާގައި ޖޫން މަހުގެ 17ން ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް މީގެކުރިން ފީފާއިން ވަނީ ނިންމާފައެވެ. އެ މުބާރާތުގައި ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމު އަދި އޯޝޭނިއާގެ ޓީމަކަށް ފުރުސަތު ލިބޭނެއެވެ.

ނަމަވެސް މި މުބާރާތް 2022 އަށް ފަސްކުރުން ގާތްކަމަށް ބެލެވެއެވެ. މިދިޔަ އަހަރުގެ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލުންނެވެ.