އެމްއެމްއެސް ހޭންޑްބޯޅަ މުބާރާތުގެ ކުއާޓާއަށް ކަންމަތި ދަތުރުކޮށްފި

ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގަ ކަންމަތި ޓީމު ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ ފަސް މެޗު އޮއްވާ ކުއާޓާފައިނަލުގެ ޖާގަތައް އެންމެ ފުރަތަމަ ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް ސްޓޫޑިއޯ ގާލްސް، ގްރޫޕް އޭގެ އެއްވަނައިގައި އޮތް ކުލަބް ކްލަސްޓާ، އަދި ގްރޫޕް ސީގެ އެއްވަނައިގައި އޮތް ކަނބަލުން އެވެ.

މިއަދު ކުޅުނު މެޗަށްފަހު ކުއާޓާފައިނަލުގެ ޖާގައެއް ގްރޫޕް ސީ އިން ކަންމަތި ކަށަވަރުކޮށްފައިވަނީ އެމްއެމްއެސް އާއި ވާދަކޮށް 8-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި ޓީމުގެ ނަދުހާ އަހުމަދެވެ. ގްރޫޕް ސްޓޭޖުގައި ކަންމަތި ޓީމަށް ބާކީ އޮތީ އެއް މެޗެވެ. އެއީ ޓީމު އަވައްޓެރިންނާއި ވާދަކުރާ މެޗެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުލަބް ކުލަސްޓާ އާއި ޗަކުލީ އެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ކުލަބް ކްލަސްޓާގެ އީޝާ އަހުމަދު އަމީލް އެވެ. މި މެޗުން ލިބުނު މޮޅާއެކު ކުލަބް ކްލަސްޓާ އޮތީ ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑަކާއެކުއެވެ. އަދި އެ ޓީމަކީ ކުއާޓާފައިނަލުގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ. \

ޖުމްލަ 13 ޓީމާއެކު ބާއްވާ މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ޗަކުލީ ގާލްސް، ކުރިމަގު، ސްޓެއިން، ކުލަބް ކްލަސްޓަރ އަދި އަލް ނިސާ އެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ކޭޖީ ގާލްސް، ޕަނީ ގާލްސް، ސްޓޫޑިއޯ ގާލްސް، އަދި މެޑްރިޑް ގާލްސް އެވެ. މީގެއިތުރުން ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ ޓީމު އަވައްޓެރިން، އެމްއެމްއެސް، ކަނބަލުން އަދި ކަންމަތި ޓީމެވެ. މިއީ އެ ރަށުގައި އަންހެނުންނަށް ހުޅުވާލައިގެން އެމްއެމްއެސް އިން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ.