އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗަސްޓަރ ޔުނައިޓެޑުގެ ދަނޑުގައި މޮޅެއް ނުލިބި ފަސް މެޗު ހޭދަކުރުމަށްފަހު އެޓީމުން އަމިއްލަ ދަނޑުގައި މޮޅެއް ހޯދައިފިއެވެ.

މިއީ ފާއިތުވި 48 އަހަރުދުވަސް ތެރޭގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އެންމެ ދަށް ނަތީޖާތަކެއް ނެރުނު ފަހަރެވެ. އެހެންނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ރޭގެ މެޗު ވެސްޓް ބްރޮމްވިޗާއި ދެކޮޅަށް ކުޅެ ޔުނައިޓެޑް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް އަތުން ވީ ބައްޔާއެކު ވެސްޓް ބްރޮމް ވެގެންގޮސްފައިވަނީ ފާއިތުވީ ހަތަރު މަސްދުވަސް ތެރޭގައި އޯލްޑް ޓްރެފޯޑްގައި ބަލިވި ފުރަތަމަ ޓީމަށެވެ. ޕްރިމިއަރ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް މޮޅުވެފައިވަނީ މިއަހަރުގެ ޖުލައި މަސްތެރޭގައި ބޯންމަތް އަތުން 2-5 އިން މޮޅުވި މެޗުގައެވެ.

ވާދަވެރިކުޅުމަކަށްފަހު ނުހަނު ބޭނުންވެފައިހުރި މޮޅެއް ޔުނައިޓެޑަށް ހޯދައިދިނީ 56 ވަނަ މިނެޓުގައި އެޓީމަށް މި ސީޒަނުގައި މުހިންމު ގޯލްތަކެއް ކާމިޔާބުކޮށްދީފައިވާ ޕޯޗުގަލްގެ ބްރޫނޯ ފެރްނާންޑޭޒް އެވެ. މިއީ އޭރިއާ ތެރެއިން ވެސްޓް ބްރޮމްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން ބްރޫނޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެހެންނަމަވެސް ބްރޫނޯ ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވިފައި ނުވާއިރު އޭނާ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ވެސްޓް ބްރޮމްގެ ކީޕަރު ގޯލްލައިން ހުރަސްކުރިކަމަށް ބުނެ ރެފްރީވަނީ އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ދީފައެވެ.

މިއީ ޕްރިމިއަރ ލީގުގައި ބްރޫނޯ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. މި 14 ލަނޑުގެ ތެރެއިން 7 ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީންނެވެ. އޭނާ ވަނީ މިސީޒަނުގައި ޔުނައިޓެޑަށް މިހާތަނަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލީގުގައި ރޭ ކުޅުނުު އެހެން މެޗަކަށް ބަލާއިރު ވެސްޓްހަމް ޔުނައިޓެޑުން ވަނީ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗުގައި ވެސްޓްހަމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން ހެލާއެވެ.

މި ނަތީޖާތަކާއެކު މިވަގުތު ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގައި ޔުނައިޓެޑަށް ލިބެނީ 10 ވަނައެވެ. ޖުމްލަ 3 ޕޮއިންޓާއެކު ވެސްޓް ބްރޮމްއަށް ތާވަލުގެ 18 ވަނަ ލިބޭއިރު ވެސްޓް ހޭމްއަށް 14 ޕޮއިންޓާއެކު ލިބެނީ އަށްވަނަ އެވެ. އަދި ޝެފީލްޑް ޔުނައިޓެޑް 1 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފުލުގައެވެ.