އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމް އަތުން އެވަޓަން އުނދަގޫ މޮޅެއް ހޯދިއިރު އާސެނަލް އާއި ލީޑްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ

ފުލަމްގެ ދަނޑުގައި ކުޅުނު މެޗުން އެވަޓަން މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެވަޓަން ވަނީ މެޗުގެ އެއްވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ މިނެޓު ތެރޭގައި ފުލަމްގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާ ނަގާ ރިޗަލިސަން އޭރިއާތެރެއަށް ނަގައިދިން ހުރަސް ފަސޭހަކަމާއިއެކު ގޯލްގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ކެލްވާޓް ލެވިންއެވެ.

އެހެންނަމަވެސް ފުރަތަމަ ފަނަރަ މިނެޓު ތެރޭގައި ފުލަމްގެ ބޮބީ ރެއިޑްވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެވަޓަން އިން މެޗުގައި ދެން ޖެހި ދެލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ. އެޓީމުން އަލުން ލީޑު ނެގި ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މިނިކް ކެލްވާޓް ލެވިންއެވެ. އޭގެ ފަސް މިނެޓުފަހުން ޑަކޫރޭ ވަނީ ލަނޑެއް ޖަހާ އެވަޓަންގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރުމުގެ ފުރުސަތު ފުލަމްއަށް ވަނީ ލިބިފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ރުބެން، ފުލަމްއަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު އޭގެ ދެ މިނެޓުކުރިން އެޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެހެންނަމަވެސް އިވާން ކަވަލެއިރޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްމަތިން ބޭރަށެވެ.

އާސެނަލް އާއި ލީޑްސް ޔުނައިޓެޑުގެ ކުރިމަތިލުން ނިމުނީ ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މެޗުގައި އާސެނަލްގެ ނިކޮލަސް ޕެޕޭއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތްކާޑު ދެއްކީ މެޗުގެ 51 ވަނަ މިނެޓުގައި އުފެދުނު ހިތްހަމަނުޖެހުމެއްގައި ލީޑްސްގެ އެލިއޮސްކީއަށް ބޮލުން ހަމަލާ ދިނުމާއި ގުޅިގެނެވެ.

މި މޮޅާއެކު އެވަޓަން ޕޮއިންޓް ތާވަލްގެ ހަވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 16 ޕޮއިންޓް ހޯދައިގެނެވެ. ފުލަމް ސަތާރަވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތްއިރު އާސެނަލް އޮތީ 13 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. އަދި ލީޑްސް ޔުނައިޓެޑަށް ސާާދަވަނަ ލިބެނީ 11 ޕޮއިންޓާއިއެކުގައެވެ.