ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފަހު ޖާގަތައް ކަންމަތި އަދި ސްޓެއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް ކަންމަތި ދަތުރުކުރީ ކުއާޓާފައިނަލުގެ ތިންވަނަ މެޗުގައި ޕަނީ ގާލްސް އާއި ވާދަކޮޮށް 10-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ކަންމަތި އަށް ގޯލުތައް ޖަހައިދިނީ ފަސް ގޯލު ޖެހި މުޒުނާ އިބްރާހިމް އާއި އެއް ގޯލު ޖެހި ވިފާދާ އާދަމް ވަހީދުގެ އިތުރުން ދެ ގޯލު ޖެހި ލީޒާ އަބްދުﷲ އާއި ދެ ގޯލު ޖެހި ޖުމާނަތް އަބްދުލް ސައްތާރުއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލީޒާ އަބްދުﷲ އެވެ.

ކުއާޓާފައިނަލުގެ ހަތަރުވަނަ މެޗުގެ ތެރެއިން

ސެމީފައިނަލުގެ ފަހު ޖާގަ ސްޓެއިން ހޯދީ ކުއާޓާފައިނަލުގެ ފަހު މެޗުގައި ޗަކުލީ އާއި ވާދަކޮށް 5-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ސްޓެއިންއަށް ގޯލުތައް ޖަހައިދިނީ ތިން ގޯލުޖެހި ރީޝާ އަހުމަދާއި ދެ ގޯލު ޖެހި ރަމްޒާ އަބްދުލް ރަހީމެވެ. މެޗުގައި ޗަކުލީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އައިޝަތު މައިޝާއެވެ. މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވިފައިވަނީ ސްޓެއިން ޓީމުގެ ކީޕަރު މައުސޫމާ އަބްދުލް ރަހީމެވެ.

މި މެޗުތަކާއެކު މުބާރާތުގެ ސެމީފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. އަންނަ ބުދަދުވަހު ކުޅޭ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޓޫޑިއޯ ގާލްސް އާއި ސްޓެއިން އެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުލަބް ކުލަސްޓާ އާއި ކަންމަތި އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ.