ޕީކޭ ނެތްތަން ފޫބައްދާ، ބާސާގެ ޑިފެންސްލައިން ހިފެހެއްޓޭނެ ކަމަށް ފަހަކަށް އައިސް އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި ނަމޫނާ ދައްކަމުންދާ ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާ ތަކާއި ވާހަކަދައްކަމުން ލެންގްލެޓް ބުނީ ޕީކޭއަކީ އެތައް އަހަރުތަކެއް ވަންދެން ބާސާގެ ޑިފެންސްލައިން ލީޑުކުރުމުގެ ޒިންމާ އުފުލަމުންދާ ފަރާތްކަމަށާއި ޕީކޭ ނެތްކަމުގެ އުނިކަން ޓީމުން ނުފެންނާނެ އެކޭ ނުބުނެވޭނެ ކަމަށެވެ. އެހެންނަމަވެސް ހާލަތު ދިމާވެފައިވާގޮތުން ސީޒަނުގެ ބޮޑުބައެއް އަނިޔާގެ ސަބަބުން ޕީކޭއަށް ގެއްލިފައިވާ ކަމަށާއި އޭނާގެ ބަދަލުގައި ޑިފެންސް ލައިން ލީޑް ކުރަން މިހުރީ ތައްޔާރަށް ކަމަށްވެސް ލެންގްލެޓް ވަނީ ބުނެފައެވެ.

މީގެއިތުރުން ލެންގްލެޓް ބުނީ ޓީމުގައި އޭނާ އަދާކުރާނެ ޒިންމާ އިނގޭނީ އޭނާއަށް ނޫންކަމަށާއި އެއީ ކޯޗުގެ ނިންމުމެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޯޗް ކޫމަން ޑިފެންސް ލައިން ލީޑު ކުރުމުގެ ޒިންމާ ހަވާލްކޮށްފިނަމަ އެކަން އެންމެ ފުރިހަމަ ގޮތެއްގައި ކުރާނެ ކަމުގެ ޔަގީންކަން އޭނާވަނީ ދީފައެވެ.

ޕީކޭއަށް އަނިޔާވެފައިވަނީ ލަލީގާގައި ހޮނިހިރު ދުވަހު ވާދަވެރި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ ބަލިވި މެޗުގައި އެތްލެޓިކޯގެ އެންޖަލް ކޮރެއާ އާއި ޕީކޭގެ ކުރިމަތިލުމެއްގައެވެ. ޕީކޭގެ އަނިޔާގެ މައުލޫމާާތު ދެމުން ބާސާއިން ބުނީ އޭނާގެ އަނިޔާ ސީރިއަސް ކަމަށާއި ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ދިގުމުއްދަތަކަށް ކުޅުމާއި ދުރުގައި އޭނާ ހުންނަން ޖެހޭނެ ކަމަށާއި ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ރިކަވަރީ ފަރުވާތަށް ކުރަމުންދާކަމަށްވެސް އެޓީމުން ވަނީ މައުލޫމާތު ދީފައެވެ.

ބާސާ މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ތޭރަވަނައިގައި ކުޅުނު އަށް މެޗުން 11 ޕޮއިންޓް ހޯދައިގެނެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އެޓީމު އޮތީ ގްރޫޕް ޖީގެ އެއްވަނައިގައި 9 ޕޮއިންޓާއި އެކުއެވެ.