ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)ގެ ގައުމީ ކެމްޕެއިންގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބައިވެރިވެއްޖެ އެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ ބައެއް މެމްބަރުންނާއި، އެޑްވައިޒަރީ ބޯޑުގެ މެމްބަރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ މީޑީއާގެ މެމްބަރުން ވަނީ އިއްޔެ “ޓީމް އަޝްފާޤް” ކޮމިއުނިޓީ ވައިބަރ ގްރޫޕް މެމްބަރުންނާއި، ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ކުރިޔަށް ހުރި ދުވަސްތަކުގައި ކެމްޕެއިނަށް އެހީވުމުގެ ގޮތުން އެމް.އެން.ޔޫ.އެސް.ޔޫއަށް ކޮށްދެވެން ހުރި ކަންކަމާއި މެދު ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން ކެންވަސް ހެދުމާއި، ޕޯސްޓަރުތައް ހެދުމުގެ އިތުރުން ވޯޓުލުން ފެށުމާއިއެކު ޔޫނިއަންގެ މެމްބަރުން މާލޭގެ ބައިބޯ ސަރަހައްދުތަކަށް ނުކުމެ، ޕޯސްޓަރު ބެހުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ޕޯސްޓާރ ހެދުމުގެ މަސައްކަތްތައް އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައި މިހާރުވެސް އެމް.އެން.ޔޫ.އެސް.ޔޫ މީޑިޔާގެ މެންބަރުން ދަނީ ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާ ކެމްޕެއިންގެ ވީޑިއޯ ހެދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި ސްޓޫޑަންޓް ޔޫނިއަންގެ މެމްބަރުން ވަނީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ބައްދަލުކުރައްވާފައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ “އޭ.އެފް.ސީ ކަޕް ބްރެކެޓް ޗެލެންޖް” ގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވާއިރު، ދަގަނޑޭ ފައިނަލަށް ދިޔުމުގައި ދިވެހި ރައްޔިތުންގެ ހިއްސާ ބޮޑެވެ. އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ. ވައިބަރ ގްރޫޕްގެ އިތުރުން އަޝްފާގަށް ހާއްސަ ވައިބަރ ސްޓިކަރ ޕެކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

މި ޗެލެންޖްގެ ފައިނަލަށް ދަގަނޑޭ ދަތުރުކުރީ ސެމީފައިނަލުގައި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައިގެންނެވެ. އާންމުންގެ މެދުގައި އޮންލައިނުކޮށް ނެގުނު ވޯޓުގައި ދަގަނޑޭއަށް 54.68 އިންސައްތަ ވޯޓު ލިބުނުއިރު، ގުޔެން ގުއެންޑް ހައިއަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.