ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްޓޫޑެންޓް ޔުނިއަންގެ ފަރާތުން އިންތިޒާމްކޮށް މިހާރު ފަށައިގެން ކުރިއަށްގެންދާ "އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2022"ގެ ޓައިޓްލް ސްޕޮންސަރަށް އެމްޔޫ ސްޓޯރގެ "ލެކްނޯ" ބްރޭންޑް ހަމަޖައްސައިފިއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2022ގެ ޓައިޓްލް ސްޕޮންސަރަކަށް އެމްޔޫ ސްޓޯރގެ ލެކްނޯ ބްރޭންޑް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެމްޔޫ ސްޓޯރގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ އަލީ ސިޔާމް ހަސަނެވެ. އަދި އެމްއެންޔޫއެސްޔޫގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޒައިދެވެ.

މިއަހަރުގެ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިދިޔަ ހުކުރު ދުވަހު ވަނީ ފަށައިފައެވެ. އެފްއޭއެމް ޓާފް ދަނޑުގައި މެޗެތައް ކުރިއަށްދާއިރު، މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ "ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2022"ގެ ނަމުގައިކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ މުބާރާތުގައިވެސް ގިނަ ޓީމްތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ބާއްވަތާ މިއީ އަށް ވަނަ އަހަރެވެ. ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ މި މުބަރާތް ވަރަށް ފޯރިގަދަކަން ފާހަގަކޮށްލެވެއެވެ.

ލެކްނޯ ބްރޭންޑަކީ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެކި ވައްތަރުތަކުގެ ޖޫހަކީ މިއަދު ގިނަ ގޭގެ ސުފުރާ މަތިން ފެންނަ މީރު އަދި އެހާމެ ސިއްހަތަށް ފައިދާ ހުރި ޖޫހެކެވެ.